މާލެ: 31°C
ވެރިކަމުގައި ހުންނަވައި ބަލި ގަބޫލުކުރެއްވުމުން ބައިޑަން ޖެހޭނީ ވަގުތުން އިސްތިއުފާދޭން: ޓްރަމްޕްގެ ސަޕޯޓަރުން

ވެރިކަމުގައި ހުންނަވައި ބަލި ގަބޫލުކުރެއްވުމުން ބައިޑަން ޖެހޭނީ ވަގުތުން އިސްތިއުފާދޭން: ޓްރަމްޕްގެ ސަޕޯޓަރުން

July 22, 2024
2 ފަހަރު ބަލާފައި
ވެރިކަމުގައި ހުންނަވައި ބަލި ގަބޫލުކުރެއްވުމުން ބައިޑަން ޖެހޭނީ ވަގުތުން އިސްތިއުފާދޭން: ޓްރަމްޕްގެ ސަޕޯޓަރުން
އެމެރިކާގެ ރައީސްކަމުގައި ހުންނަވައި އަމިއްލަފުޅަށް "ތިމަންނާއަކީ ރައީސް ކަމަށް ކުފޫ ހަމަވާ މީހެއް ނޫނެކޭ މިހާތަނަށް ވިދާޅުވީ ޖޯ ބައިޑަން އެކަނި ކަމަށް" ވާތީ، އިންތިހާބުގެ ކުރިން މަގާމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން ގޮވާލައިފިއެވެ. އަދި ސޯޝަލް މީޑިއާގައި ބައެއް ސަޕޯޓަރުން ބުނެފައިވަނީ ޓްރަމްޕަށް އަމާޒުވި ބަޑީގެ ހަމަލާއަކީވެސް އުމުރުފުޅުން 81 އަހަރުގެ ބައިޑަންގެ ނާގާބިލުކަމާއި ޒާތީކަމުގެ އިންތިހާ ނަތީޖާ ކަމަށެވެ. "ބައިޑަން އަކީ އެމެރިކާއަށް އޮތް ހައްލެއް މަސްލަހަތެއް ނޫން. ދެވަނަ ދައުރަކަށް ކުރިމަތި ނުލެއްވުމަކުން ނާގާބިލުކަމެއް ނުފޮރުވޭނެ. މިހާރުން މިހާރަށް ޖެހޭނީ މަގާމުން އިސްތިއުފާ ދެއްވަން،" ބައިޑަންގެ ޕީއާރް ޓީމުގެ އިސް ބޭފުޅަކު ވިދާޅުވެފައިވެއެވެ. "އެމެރިކާގެ އިގްތިސާދު ހަލާކުކޮށްލައި، އެމެރިކާވަންތަކަން ގެއްލުވާލީ ބައިޑަން. އަމިއްލަ ގައުމަށްވުރެ އެހެން ބައެއްގެ މަސްލަހަތުގެ ފަހަތުން އުޅުއްވާތަން އަބަދު ފެންނަނީ." އެެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ބައިޑަންގެ އެކްސް މެސެޖުން ދޭހަވި ކަމަކީ މިހާރު ވެރިކަންކުރާ ޑިމޮކްރެޓްސް "މުޅިން ފެއިލްވީ" ކަމެވެ. އެމެރިކާގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި ވާދަ ކުރައްވާނެ ކަމަށް ބެލެވޭ މިިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސް ބަލިކުރުމަކީ ފަސޭހަ ކަމަކަށް ވާނެ ކަމުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ޓްމްޕް ވިދާޅުވިއެވެ. އޭނާ އެ މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ, ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވުމަށް ކެމްޕޭން ކުރައްވަމުން ގެންދެވި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު, ރައީސް ޖޯ ބައިޑަން ރިޔާސީ ރޭހުން ފެޔަށް ޖެހިވަޑައިގެންނެވުމުންނެވެ. ސަޕޯޓަރުންނަށް ހިތްވަރު ދެއްވަމުން ޓްރަމްޕު ވިދާޅުވީ އެމެރިކާ އަލުން އަނބުރާ ހޯއްދެވޭނެ ކަމަށާއި އެމެރިކާ ވަންތަ ވެރިކަމެއް، މުޅި ދުނިޔެ ސުލްހަކޮށްގެން މިހާރު ކުރެއްވޭނީ ހަމައެކަނި އެމަނިކުފާނަށެވެ. ކޮވިޑް-19 ޖެހިގެން އެކަހެރިވެގެން ހުންނެވި ބައިޑަން އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަން އިޢުލާނު ކުރެއްވީ އެކްސްގައި ޝާއިޢު ކުރެއްވި ސިޓީއެއްގައެވެ. ރިޔާސީ ރޭހުުން ވަކިވެ ވަޑައިގަންނަވަން ނިންމަވާފައި ވަނީ ޕާޓީއާއި ޤައުމީ މަސްލަޙަތު އިސް ކުރެއްވުމުގެ ގޮތުން ކަމުގައި ބައިޑަން ވިދާޅުވިއެވެ. އެއަށް ފަހު, އޭނާ ވަނީ ނޮވެންބަރުގެ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި ހެރިސް ނެރުމަށް ތާޢީދު ކުރައްވާ ކަން ހާމަ ކުރައްވާފައެވެ. "ބައިޑަނަށް ވުރެ ހެރިސް ބަލި ކުރުމަކީ އަޅުގަނޑަށް މާ ފަސޭހަ ކަމަކަށް ވާނެ،" ސީއެންއެނަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވިއެވެ. އެއަށްފަހު އޭނާއާއި އޭނާގެ ކެމްޕޭން ޓީމުން ވަނީ ބައިޑަނާއި ހެރިސަށް ހޫނު ބަހުގެ ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. ރިޔާސީ ރޭހުން ވަކިވާން ޖެހުމާ އެކު, ރައީސް ކަމުގެ މަޤާމުގައި ދެމިހުރުމަށް ވެސް ބައިޑަންގެ ކުފޫހަމަނުވާ ކަމަށް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ މެންބަރުން ތުހުމަތު ކުރިއެވެ. 81 އަހަރުގެ ބައިޑަން ރިޔާސީ ރޭހުން ފެޔަށް ޖެހިވަޑައިގަންނަވާފައި ވަނީ, އޭނާގެ އުމުރު މާ ދޮށިވެއްޖެ ކަމަށް ބުނެ, ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް އެހެން ބޭފުޅަކަށް ހަވާލު ކުރުމަށް ޕާޓީގެ ގިނަ މެންބަރުންތަކެއް ގޮވައިލަމުންދާ ދަނޑިވަޅެއްގައެވެ. ބައިޑަންގެ އުމުރާ ގުޅޭ ބަހުސް ފެށިގެން ދިޔައީ ރިޔާސީ ރޭހަށް ތައްޔާރުވުމުގެ ގޮތުން ސީއެންއެނުން އިންތިޒާމު ކޮށްގެން ބޭއްވި ބަހުސެއްގައި ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެންނެވެ. އެ ބަހުސްގައި ބައިޑަން ފެނިގެން ގޮސްފައި ވަނީ ވަރަށް ލޮނު މަޑު ކެނޑިޑޭޓެއްގެ ގޮތުގައެވެ. ޓްރަމްޕްގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމް, ޓްރުތް ސޯޝަލްގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ ބައިޑަނަކީ މިހާރު "ރައީސް ކަމުގެ މަޤާމަށް ވާދަ ކުރައްވަން ވެސް, އެ މަޤާމުގައި ދެމިހުންނަވަން ވެސް ކުފޫހަމަވާ ބޭފުޅެއް ނޫން" ކަމުގައެވެ. ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ, ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް, ރިޕަބްލިކަން ޕާޓީގެ މައިކް ޖޮންސަން ވެސް ވަނީ ބައިޑަންގެ އިސްތިޢުފާއަށް ގޮވައިލައްވާފައެވެ. "[ބައިޑަންގެ] ވެރިކަމުގައި އަމަލު ކުރަމުންދާ ސިޔާސަތުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ދަތި ހާލަތެއް ތަޙައްމުލު ކުރަން ޖެހޭނެ. ނަމަވެސް, އެ ކަންކަން ހައްލުކޮށް, އެ ކަމުން އަޅުގަނޑުމެން އިސާހިތަކު އަރައިގަންނާނަން،" ނޮވެންބަރު 5ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ކާމިޔާބީ ލިބިއްޖެ ނަމަ, ބައިޑަންގެ ސިޔާސަތުތައް ބާޠިލު ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވަމުން ޓްރަމްޕް ވިދާޅުވިއެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ބައިޑަނާއި ޓްރަމްޕް ފެންނަނީ ވަރަށް ވާދަވެރިކޮށް, ވަރަށް އެއް ހަމައެއްގައި ތާޢީދު ހޯއްދަވަމުން ގެންދަވާ މަންޒަރެވެ. ބައެއް ވޯޓުތަކުގައި ޓްރަމްޕް ގެންދަވަނީ މަދު އިންސައްތައަކުން ބައިޑަނަށް ވުރެ ކުރި ހޯއްދަވަމުންނެވެ. ޚާއްޞަކޮށް, ކޮންމެ އިންތިޚާބެއްގައި ވެސް ތާޢީދު ބަދަލުވާ ކަމަށް ފާހަގަ ކުރެވިފައިވާ ސްވިންގ ސްޓޭޓްތަކުގައި ޓްރަމްޕަށް އޮތް ތާޢީދު އިތުރުވެފައިވާ ކަން އެ ވޯޓުތަކުގެ ނަތީޖާއިން ފެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ