މާލެ: 31°C
ޑރ. ނިޔާފް، 9 އަހަރަށްފަހު އޭޑީކޭއިން ވަކިވެވަޑައިގެން އައިޖީއެމްއެޗަށް

ޑރ. ނިޔާފް، 9 އަހަރަށްފަހު އޭޑީކޭއިން ވަކިވެވަޑައިގެން އައިޖީއެމްއެޗަށް

July 22, 2024
2 ފަހަރު ބަލާފައި
ޑރ. ނިޔާފް، 9 އަހަރަށްފަހު އޭޑީކޭއިން ވަކިވެވަޑައިގެން އައިޖީއެމްއެޗަށް
އޭޑީކޭއަށް ނުވަ އަހަރު ހިދުމަތްކޮށްދެއްވުމަށްފަހު، ރާއްޖޭގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު ނިޔުރޯސާޖަން ޑރ. އަލީ ނިޔާފް އެ ހޮސްޕިޓަލުން ވަކިވެވަޑައިގެންފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން "އެކްސް" ގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ، ނިޔާފުގެ ކެރިއަރުގެ އާ ސޮފްހާއެއް ފައްޓަވާއިރު، ފާއިތުވި ނުވަ އަހަރާއި 10 މަސް ތެރޭ އޭޑީކޭ ހޮސްޕިޓަލަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކޮށް، ފާގަތި މުސްތަގުބަލަކަށް އެދިފައެވެ.

އެ ހޮސްޕިޓަލުގެ ނިޔުރޯސާޖަރީ ޑިޕާޓުމެންޓުގެ ކުރިއެރުމުގައި ނިޔާފުގެ މިންނެތް މަސައްކަތް ފާހަގަކޮށް އޭޑީކޭ އިން ބުނީ، އޭޑީކޭ ހޮސްޕިޓަލަށާއި އެ ހޮސްޕިޓަލުގެ ނިޔުރޯސާޖަރީ ޑިޕާޓުމެންޓަށް ނިޔާފަކީ އަބަދުވެސް އަގުހުރި ޑޮކްޓަރެއް ކަމަށެވެ.

"މުސްތަގުބަލަށް އަޅުއްވާ ފިޔަވަޅުގައި ކާމިޔާބީއަށް އެދެން،" އޭޑީކޭގެ މެނޭޖުމެންޓާއި މުވައްޒަފުންގެ ފަރާތުން ނިޔާފަށް ޝުކުރު އަދާކޮށް، ހެޔޮ އެދުންތައް ފޮނުވައި ކޮށްފައިވާ ޕޯސްޓުގައިވެއެވެ.

https://twitter.com/ADKHospital/status/1815238038647460127 އަލީ ނިޔާފަކީ ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަންއެވެ. އޭނާ ވަނީ އެމެރިކާ، ރަޝިއާ، އިންޑިއާ، ބްރެޒިލް، ނޭޕާލް އަދި އެހެން ގިނަ ގައުމުތަކަކުން ވެސް ތައުލީމާއި ތަމުރީނު ހާސިލުކުރައްވައިފައެވެ. އަދި، 2،000 އަށްވުރެ ގިނަ ނިއުރޯސާޖަރީ ކާމިޔާބުކަމާ އެކު ފުރިހަމަކުރައްވާފައިވެއެވެ. ނިޔާފް، އޭޑީކޭއިން ވަކިވެވަޑައިގެން ސަބަބެއް ނޭނގުނު ނަމަވެސް ދެން އޭނާ މަސައްކަތްކުރައްވާނީ އައިޖީއެމްއެޗްކަން ވަނީ އެނގިފައެވެ. އޭޑީކޭގެ ކުޑަކުދިންގެ ޑޮކްޓަރު، ނިޔާފުގެ ބޭބެ ޑރ. އަބްދުﷲ ނިޔާފު ވަނީ ނިޔުރޯސާޖަން ނިޔާފާ އެކު އައިޖީއެމްއެޗުގެ ނިޔުރޯސާޖަރީ ޑިޕާޓުމެންޓަށް ކުރިއެރުން އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، އައިޖީއެމްއެޗުގައި ނިޔާފު ބަލިމީހުން ބައްލަވަން ފައްޓަވާނެ ދުވަހެއް އަދި ނޭނގެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ