މާލެ: 31°C
ބަންގާޅުގައި ތިބި ދިވެހިންގެ ހާލު މިވަގުތަށް ރަނގަޅު: ހާރިޖިއްޔާ

ބަންގާޅުގައި ތިބި ދިވެހިންގެ ހާލު މިވަގުތަށް ރަނގަޅު: ހާރިޖިއްޔާ

July 21, 2024
2 ފަހަރު ބަލާފައި
ބަންގާޅުގައި ތިބި ދިވެހިންގެ ހާލު މިވަގުތަށް ރަނގަޅު: ހާރިޖިއްޔާ
ބަންގާޅުގެ މަޝްރަހު ހޫނު ނަމަވެސް، އެޤައުމުގައި ތިބި ދިވެހިންގެ ހާލު ރަނގަޅުކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެފިއެވެ. ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެޤައުމުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ދިވެހި ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. މިގޮތުން، ހައިކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ 90 ދަރިވަރުންނާއި، ޢާއިލާތަކާއި، އެކި ކަންކަމުގައި ބަންގްލަދޭޝްގައި ތިބި ދިވެހިންނަށް ގުޅައި، ހާލު ބަލައި، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.. އަދި، މިވަގުތު ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ހާލު ޖުމްލަގޮތައްގައި ރަނގަޅުކަމަށް ހައިކޮމިޝަނުން މައުލޫމާތު ދީފައިވާކަމަށްވެސް ހާރިޖިއްޔާއިން ބުނެއެވެ.

ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ވަނީ، އެ ސްކޫލްތައް ބަންދުކުރުމުން، އެނބުރި ރާއްޖެ އަންނަން ގަސްތުކުރާކަމަށް މިމިނިސްޓްރީއަށް އަންގާފައެވެ. މި ދެ ދަރިވަރުން ބަހުގައި ބަންގްލަދޭޝް ބޯޑަރ ހުރަސްކުރުމުގައި އެޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށްވެސް ހާރިޖިއްޔާއިން ބުނެއެވެ.

ދިވެހި ހާރިޖިއްޔާއިން ބުނީ މިވަގުތު ބަންގްލަދޭޝްގައި ކާފިއު ޢިއުލާން ކޮށްފައިވުމުން، އެޤައުމުގެ ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށާއި ކަމާބެހޭ އިދާރާތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރާ ކަމަށެވެ.

ބަންގާޅުގައި ފަށާފައިވާ މުޒާހަރާއަކީ، އެޤައުމުގައި 1971 ވަނަ އަހަރު ހިނގާދިޔަ ހަނގުރާމައިގައި މަރުވެދިޔަ ސިފައިންގެ އާއިލާތަކުގެ މީހުންނަށް ސަރުކާރުން ދޭ ވަޒީފާ ތަކުގެ 30 އިންސައްތަ ހާއްސަ ކުރުމާއި ގުޅިގެން ދަރިވަރުން އިސްނަގައިގެން ކުރަމުންގެންދާ މުޒާހަރާއެކެވެ.

މި މުޒާހަރާ ހޫނުވެ އެންމެފަހުން ވަނީ ބޮޑު ލޭއޮހޮރުވުމަކަށް ބަދަލުވެފައެވެ. މުޒާހަރާތަކުގައި 120 މީހުން މަރުވެފައިވާއިރު، އެތައް ބަޔަކަށްވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ. މުޒާހަރާގެ ލޭ އޮހޮރުވުން ނުހުއްޓުމުން ސަރުކާރުން އެންމެފަހުން ވަނީ ނިންމުން ބަދަލުކުރާނޭކަމަށް ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ