މާލެ: 31°C
ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން ފޭބުން ނޫން ގޮތެއް ނެތް، އައިސީޖޭ ގެ އަމުރާމެދު އިޒްރޭލުން ވަރަށް ނުރުހޭ

ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން ފޭބުން ނޫން ގޮތެއް ނެތް، އައިސީޖޭ ގެ އަމުރާމެދު އިޒްރޭލުން ވަރަށް ނުރުހޭ

July 20, 2024
2 ފަހަރު ބަލާފައި
ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން ފޭބުން ނޫން ގޮތެއް ނެތް، އައިސީޖޭ ގެ އަމުރާމެދު އިޒްރޭލުން ވަރަށް ނުރުހޭ
އަނިޔާވެރި ޔަހޫދީ ދައުލަތް، އިޒުރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލައި އެ ބިންތަކުން ޒަޔަނިސްޓް ދައުލަތުން ފޭބުމަށް އދ.ގެ އެންމެ މަތީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ރައުޔު ނެރެފިއެވެ. އައިސީޖޭގެ ތާރީހީ އެ ނިންމުމަކީ އިޒުރޭލުން 1967 އަހަރު ފަލަސްތީނަށް ވެރިވެގަނެ، ހިންގާ އުދުވާނީ އަމަލުތަކާ ދެކޮޅަށް ބައިނަލް އަގުވާމީ މަތީ ކޯޓުން ފުރަތަމަ ފަހަރަށް ނިންމި ނިންމުމެކެވެ. މިއީ 57 އަހަރު ވަންދެން ފަލަސްތީނު ރައްޔިތުން ކުރަމުން ގެންދިޔަ ވަކާލާތަށް ބާރުދީ ކޯޓަކުން ކުރި ފުރަތަމަ ހުކުމެވެ. އައިސީޖޭގެ ރައުޔުގައި ބުނެފައި ވަނީ އިޒުރޭލުން ހިފާފައިވާ ބިންތަކުގައި ޔަހޫދީ އާބާދީތައް ވަޒަންވެރި ކުރުވުމަކީ "ޣައިރު ގާނޫނީ" ކަމެއް ކަމަށާއި ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި އިސްރާއީލުގެ އާބާދީތައް ބިނާކޮށް ފުޅާކުރުމާއި ބިންތަކުގެ މައްޗަށް ދާއިމީ ކޮންޓްރޯލް ހިފެހެއްޓުން ހުއްޓާލުމަށެވެ. އަދި ފަލަސްތީނުގެ މީހަކަށް ވީތީ، ޒަމާންތަކެއް ވަންދެން ހައްގުތައް ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެ ރައުޔުގައި ގޮވާލާފައިވެއެވެ. އެކި ގައުމުތަކުގެ 15 ފަނޑިޔާރަކު ހިމެނޭ ބެންޗުން ނެރުނު ރައުޔުގައި ބުނެފައި ވަނީ ފަލަސްތީނުގައި އިޒުރޭލުން ހިންގާ އަމަލުތައް ވަގުތުން، ވަގުތަށް ހުއްޓާލުމަށެވެ. އައިސީޖޭގެ މި ނިންމުމަކީ "ނޮން-ބައިންޑިން" ނިންމުމެވެ. އަމަލު ކުރުން ލާޒިމުނުވިޔަސް، އެ ރައުޔު ބަލައިގަނެ، ބޯލަނބަން ޖެހޭނެއެވެ. މި ނިންމުމަކީ އިޒުރޭލަށް ސިހުން ގެނުވި، އަދި ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އައިސީޖޭއިން ބުނީ އިޒްރޭލުން އިރުމަތީ ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަކީ ބައިނަލްއަގްވާމީ އެތަކެއް ޤާނޫނުތަކާ އަދި އެއްބަސްވުންތަކާ ޚިލާފަށް ފަލަސްޠީނުގެ ހިފާފައިވާ ބިންތައް އެއްކޮށްލުމުގެ ގޮތުން ކޮށްފައިވާ ޢަމަލެއް ކަމަށެވެ. ފަލަސްތީނުން ބިންތަކުގައިވާ ގުދުރަތީ ރިސޯސަސް އަދި ދަނޑުވެރިކަމުގެ މަންފާ އިޒްރޭލުން ހޯދާ ހޯދުމަކީ ވެސް ޣައިރުޤާނޫނީ އަމަލެއް ކަމަށް އައިސީޖޭއިން ބުންޏެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން، އިޒުރޭލުން ގައްޒާގައި ހިންގާ ލާއިންސާނީ އަމަލުތަކުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އައިސީޖޭގައި ކުރިއަށްދެއެވެ. އިޒުރޭލާ ދެކޮޅަށް އައިސީޖޭއަށް ފަލަސްތީނުން ހުށަހަޅާފައިވާ މައްސަލާގައި 49 ގައުމަކާއި ބައިނަލްއަގްވާމީ ތިން ޖަމިއްޔާއަކުން ތަދައްހުލްވެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ