މާލެ: 31°C
ބަންގާޅަށް ދަތުރުކުރުމުގައި ދިވެހިން ސަމާލުވުމަށް ހާރިޖިއްޔާއިން އިލްތިމާސްކޮށްފި

ބަންގާޅަށް ދަތުރުކުރުމުގައި ދިވެހިން ސަމާލުވުމަށް ހާރިޖިއްޔާއިން އިލްތިމާސްކޮށްފި

July 19, 2024
2 ފަހަރު ބަލާފައި
ބަންގާޅަށް ދަތުރުކުރުމުގައި ދިވެހިން ސަމާލުވުމަށް ހާރިޖިއްޔާއިން އިލްތިމާސްކޮށްފި
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ހާލަތު ވަރަށް ގޯސްވެފައިވާތީވެ، މިވަގުތު ދިވެހިން އެޤައުމަށް ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ހާރިޖިއްޔާއިން އިލްތިމާސްކޮށްފިއެވެ. ބަންގާޅުގައި 1971 ވަނަ އަހަރު ހިނގާދިޔަ ހަނގުރާމައިގައި މަރުވެދިޔަ ސިފައިންގެ އާއިލާތަކުގެ މީހުންނަށް ސަރުކާރުން ދޭ ވަޒީފާ ތަކުގެ 30 އިންސައްތަ ހާއްސަ ކުރުމާއި ގުޅިގެން އެޤައުމުގެ ދަރިވަރުން ވަނީ މުޒާހިރާއެއް ފަށާފައެވެ. މި މުޒާހަރާ ހޫނުވެ އެންމެފަހުން ވަނީ ބޮޑު ލޭއޮހޮރުވުމަކަށް ބަދަލުވެފައެވެ. ދަރިވަރުންނާ ދެކޮޅަށް ސަލާމަތީ ބާރުތަކާ ބައެއް އާއްމުން ނިކުމެފައިވާއިރު، ހިނގާދިޔަ ކުރިމަތިލުންތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ފެށިފައެވެ. މީގެ ތެރެއިން ބޮޑަށް އަނިޔާ ލިބެމުންދަނީ ދަރިވަރުންނަށެވެ. މިކަމާ ގުޅޭގޮތުން ދިވެހި ހާރިޖިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެޤައުމުގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.މީގެ އިތުރުން ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް މިދަނޑިވަޅުގައި ނުކުމެ ނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ. ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ކިޔަވާކުދިންނާއި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިކަމާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް އެދޭކަމަށްވެސް ހާރިޖިއްޔާއިން ވަނީ ބުނެފައެވެ. ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި 5 ދަރިވަރުން މަރުވެފައިވާއިރު، މުޒާހަރާގައި ބައިވެރިވި ބައެއް އާއްމު ފަރާތްތަކުން ދަރިވަރުންނަށް ކަތިވަޅިފަދަ އެއްޗެހި ހަމަލާދެމުންދާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ. ސަރުކާރުގެ ނިންމުމާ ގުޅިގެން ދަރިވަރުން ބުނަމުންދަނީ ވަކި ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ކަނޑައެޅިއެޅުން ބަލައި ނުގަނެވޭނެ ކަމަށެވެ. ބައެއް ދަރިވަރުން ބުނީ ކޮލެޖް ނިންމައި ވަޒީފާއެއް ނުލިބި 6 އަހަރު ވެފައިވާކަމަށާއި، މި ހާލަތުގައި އެތައް ސަތޭކަ ދަރިވަރުންނެއް އެބަތިބި ކަމަށެވެ. ކޮލެޖް/ޔުނިވަރސިޓީ ނިންމާ ދަރިވަރުންނަށް ބަންގާޅުގައި ވަޒީފާ ނުލިބުމުގެ މައްސަލައަކީ ވަރަށްބޮޑު މައްސަލައެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ