މާލެ: 31°C
ކާނާ ވިހަވެގެން ފަރުވާ ދެމުންދާ ދެ ދަރިވަރުންގެ ހާލު އަންނަނީ ރަނގަޅުވަމުން: ފުލުހުން

ކާނާ ވިހަވެގެން ފަރުވާ ދެމުންދާ ދެ ދަރިވަރުންގެ ހާލު އަންނަނީ ރަނގަޅުވަމުން: ފުލުހުން

July 18, 2024
3 ފަހަރު ބަލާފައި
ކާނާ ވިހަވެގެން ފަރުވާ ދެމުންދާ ދެ ދަރިވަރުންގެ ހާލު އަންނަނީ ރަނގަޅުވަމުން: ފުލުހުން
އައްޑޫސިޓީ ޕޮލިސް އެކަޑަމީގައި ތަމްރީނު ހަދަމުންދިޔަ ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ކާނާ ވިހަވި ހާދިސާގައި މިހާތަނަށް ހޮސްޕޮޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ދެ ދަރިވަރުންގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ. ރޭ ހިނގާދިޔަ ހާދިސާ އާ ގުޅޭގޮތުން ފުލުހުން މީގެ ކުޑައިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާގައި ޖުމްލަ 32 ދަރިވަރަކު ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު އިރު، އޭގެ ތެރެއިން 5 ދަރިވަރަކަށް އައިސީޔޫގައި ފަރުވާދޭން ޖެހުނު ކަމަށެވެ. އައިސީޔޫގައި ފަރުވާދެމުންދާ 2 ދަރިވަރުން ފިޔަވައި އެހެން ހުރިހާ ދަރިވަރުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އަދި އައިސީޔޫގައި މިހާރު ފަރުވާދެމުންދާ 2 ދަރިވަރުންގެ ހާލުވެސް އަންނަނީ ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ބަޔާނުގައި ފުލުހުން ވަނީ ކާނާ ވިހަވެގެން ގިނަ އަދަދެއްގެ ދަރިވަރުންނަށް ފަރުވާދޭން ޖެހުނު ހާދިސާގައި އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައި ފަރާތްތަކަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. "މި ހާދިސާގައި، އައްޑޫ ސިޓީގައި ގާއިމުވެފައިވާ އެކި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަ ކުރަމެވެ. ހާއްސަކޮށް އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ވެރިންނާއި މުވައްޒަފުން، ސަދަން ރީޖަންގެ ސިފައިން، ދާޚިލީ ވުޒާރާ، އައްޑޫ ސިޓީ ކައުންސިލު، ރެޑް ކްރެސެންޓު، ޕަބްލިކް ހެލްތު، ނޭޝަނަލް ކެޑޭޓް ކޯޕްސް، އައްޑޫ ސިޓީ އަވަށު އޮފީސްތަކާއި ހެލްތު ސެންޓަރުތަކުގެ އިތުރުން އެ ސިޓީގެ ވޮލަންޓިއަރުންގެ އެހީތެރިކަން ފާހަގަކުރަމެވެ" ފުލުހުން ނެރުނު ބަޔާނުގައި ބުންޏެވެ. ކާނާ ވިހަވި މައްސަލަ ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ކޮލެޖުގައި 100 ވަރަކަށް ދަރިވަރުން ތަމްރީނުތައް ހަދަމުންދެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ