މާލެ: 31°C
މި ދަނޑިވަޅުގައި ގަވަރުނަރު ވަކިކުރަން ނިންމުމުން ކަންބޮޑުވޭ: ފައްޔާޒް

މި ދަނޑިވަޅުގައި ގަވަރުނަރު ވަކިކުރަން ނިންމުމުން ކަންބޮޑުވޭ: ފައްޔާޒް

July 17, 2024
2 ފަހަރު ބަލާފައި
މި ދަނޑިވަޅުގައި ގަވަރުނަރު ވަކިކުރަން ނިންމުމުން ކަންބޮޑުވޭ: ފައްޔާޒް
މިފަދަ ދަނޑިވަޅެއްގައި ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ނިންމި ނިންމުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެއްކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޡް އިސްމާއީލް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ގަވަރުނަރު އަލީ ހާޝިމް މަޤާމުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފާސްކޮށްފައެވެ. މިކަމާ ގުޅޭގޮތުން މިދިޔަ ސަރުކާރުގެ އިގްތިސާދީ ވަޒީރުގެ މަޤާމުވެސް ފުރުއްވެވި ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިޤްތިސާދީ މިފަދަ ހައްސާސީ ވަގުތެއްގައި ގަވަރުނަރު މަޤާމުން ވަކިކުރަން ނިންމި ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ފައްޔާޒް ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ކުރަން މިއުޅޭ ކަމަކީ އެއްވެސް ގޮތަކަށް ދުރަށްވިސްނައިގެން ނިންމި ކަމެއް ނޫންކަމަށާއި، މިއީ މާލީ އިދާރާތަކުގެ ލޯ އަމާޒުވާނޭ ކަމެއްކަމަށެވެ. މިފަދަ ނިންމުންތައް ނިންމަން ޖެހޭނީ މިފަދަ ކަމެއް ކޮށްފިނަމަ ކުރިމަތިވެދާނޭ ކަމަކާމެދު ދުރާލައި ވަރަށް ވިސްނައިގެން ކަމަށެވެ. އެހެންނޫނީ ހިތި ބޭހެއް ބޯންޖެހިދާނޭކަން ފައްޔާޒް ވަނީ ސިފަކޮށްފައެވެ. މީގެ އިތުރުން ފައްޔާޒް ވަނީ ގަވަރުނަރު ވަކިކުރުމުގެ މައްސަލައިގައި ރަނގަޅަށް ވިސްނުމަށް ސަރުކާރަށް އިލްތިމާސްކޮށްފައެވެ. މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ޖަލްސާގައި ގަވަރުނަރު އަލީ ހާޝީމް ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. ގަވަރުނަރު މަޤާމުން ވަކި ކުރަން ނިންމާފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ގަވަރުނަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރައްވާ ކަމަށް ވިދާޅުވެއެވެ. ގަވަރުނަރުކަމުން ހާޝިމް ވަކިކުރަން ފާސްވީ މިއަދުގެ މާލިއްޔަތު ކޮމިޓީގެ އިއްތިފާޤުންނެވެ. ގަވަރުނަރަށް ޖަވާބުދާރީވުމަށް ކޮމިޓީން ވަނީ ތިން ފުރުސަތެއް ދީފައެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އިއްޔެ އަދި އޭގެ ކުރީ ދުވަހުގެ ބައްދަލުވުމަށް ވެސް ވަޑައިނުގެންނެވޭ ކަން އެމްއެމްއޭއިން ވަނީ އަންގާފައެވެ.  މިއަދު ވެސް ކޮމިޓީއަށް ހާޒިރުވެ ވަޑައިނުގަންނަވާ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ގަވަރުނަރު ވިދާޅުވީ, ކޮމިޓީއަށް ވަޑައިގެން ޖަވާބުދާރީ ނުވެވޭނެ ކަމަށާއި ނަމަވެސް ސުވާލެއް އޮތްނަމަ ސިޓީއިން ޖަވާބު ދެއްވިދާނެ ކަމަށެވެ. އަދި އިއްޔެ މަޖިލީހަށް 14 ޞަފްހާގެ ރިޕޯޓެއް ހުށަހަޅާފައިވާނެ ކަމަށާއި ސުވާލުތަކުގެ ޖަވާބު އޭގެން ލިބޭނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ