މާލެ: 31°C
އީސީއަށް މާލީ މިނިވަންކަން ނެތްކަމުގެ ޝަކުވާ

އީސީއަށް މާލީ މިނިވަންކަން ނެތްކަމުގެ ޝަކުވާ

July 17, 2024
2 ފަހަރު ބަލާފައި
އީސީއަށް މާލީ މިނިވަންކަން ނެތްކަމުގެ ޝަކުވާ
އިލެކްޝަންސް ކޮމިޝަން (އީސީ) އޮތީ މާލީ ގޮތުން އެހެން ބައެއްގެ ނުފޫޒުގެ ދަށުގައި ކަމަށް އެ ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއްސަސާތަކާ ބެހޭ ކޮމިޓީއަށް އީސީގެ މެންބަރުން ހާޒިރުކޮށްފައިވާއިރު، އެ  ބައްދަލުވުމުގައި އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެ ކޮމިޝަނަށް ބަޖެޓު ހަމަޖެހެނީ ފިނޭންސް މިނިސްޓްރީން އެދޭގޮތަށް ބަދަލުތަކެއް ގެނައުމަށް ފަހު ކަމަށެވެ. ފާސްކުރުމަށް ފަހުވެސް ބަޖެޓުން ބައިތައް އުނިކުރާ ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަން ކުރަނީ އީސީގެ ބަހެއް ނުހޯދާ ކަމަށެވެ. ފުއާދު ވިދާޅުވެފައި ވަނީ އެފަދަ ކަންކަމުގައި ފިނޭންސް މިނިސްޓްރީ އާއެކު މަޝްވަރާކޮށްގެން އެކަށީގެންވާ  ކުރިއެރުމެއް ނުލިބޭ ކަމަށެވެ. ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްވަމުން އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވި އެ ކޮމިޝަނުން ބަޖެޓު ތައްޔާރުކުރަނީ ފިނޭންސް މިނިސްޓްރީން ދޭ ސީލިން އާ އެއްގޮތަށް ކަމުގައި ކަމަށެވެ. އެއާ އެއްގޮތަށް ބަޖެޓު އެކުލަވާލައި ހުށަހެޅުމުން އެ މިނިސްޓްރީން މަޖިލިހަށް ފޮނުވައި ބަޖެޓު ފާސްކޮށް، އެ އަށް އަމަލުކުރަން ފެށުމާ އެކު އީސީން ބަޖެޓު ހޭދަ ކުރާނެ ގޮތުގެ ޕްލޭނެއް ފިނޭންސް މިނިސްޓްރީއަށް ފޮނުވާ ކަމަށް ހަސަން ވިދާޅުވި އެވެ. ހަސަން ވިދާޅުވީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލަކަށް ބަޖެޓު ކުޑަކުރަން ޖެހޭ ހާލަތުގައި އީސީން އެކަން ކުރާ ކަމަށެވެ. އެގޮތަށް އަމަލު ކުރުމަށް ފަހު ވެސް އީސީން ޖެހެނީ ކަންކަމުގައި ހުއްދައަށް އެދި ހުއްދަ ލިބެންދެން އެތައް ދުވަހެއް ވަންދެން މަޑުކުރަންކަން އޭނާ ފާހަގަކުރެއްވި އެވެ. ފިނޭންސް މިނިސްޓްރީންނާއި މަޖިލިހުން ކަނޑައަޅާ ގޮތެއްގެ މަތިން އެ ކޮމިޝަނަށް ހަރަދު ކުރުމުގެ މިނިވަންކަން ހޯދައިދިނުމަށް ހަސަން ވަނީ އެދިވަޑައިގެންފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ