މާލެ: 31°C
ކަރަންޓް ބިލު ބޮޑުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ބަހުސަށް

ކަރަންޓް ބިލު ބޮޑުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ބަހުސަށް

July 17, 2024
2 ފަހަރު ބަލާފައި
ކަރަންޓް ބިލު ބޮޑުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ބަހުސަށް
ފާއިތުވި މަސްތަކުގެ ކަރަންޓު ބިލުތައް "އިންތިހާއަށް" ބޮޑުވެފައިވާތީ އެކަން ތަހުގީގުކުރުމަށް ގޮވާލާ އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މި ކުއްލި މައްސަލައަށް ބަހުސްކުރުމަށް ފާސްވީ 61 މެމްބަރުންގެ ވޯޓާ އެކު އެވެ.
މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައިދެއްވަމުން ކުޑޫ ވިދާޅުވީ ފެނަކާއި ސްޓެލްކޯއިން މިދިޔަ މަސްތަކުގައި ދީފައިވާ ބިލްތައް އިންތިހާއަށް ބޮޑުވެފައިވާ ކަމުގެ ކަންބޮޑުވުން ރައްޔިތުން ދަނީ ފާޅުކުރަމުން ކަމަށެވެ. އެގޮތުން މިދިޔަ އޭޕްރިލްގެ ބިލު ބޮޑުވެގެން ސްޓެލްކޯއިން ރައްޔިތުންނަށް ލުއި ދިން ނަމަވެސް، އޭގެ ފަހުން އައި ބިލުތައް ވެސް ކުރިއަށް ވުރެ ބޮޑު ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް މެމްބަރު ވިދާޅުވި އެވެ. "އެހެންކަމުން ރައްޔިތުންނަށް ކަރަންޓު ބިލަށްވާ ގޮތް ސާފުކޮށްދިނުމަށް އަދި މިކަހަލަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ދަތި އުނދަގޫ ކަންކަމުގައި ވީހާވެސް އަވަސް ހައްލެއް ހޯއްދަވައިދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅަން." އޭނާ ވިދާޅުވި އެވެ. ހުސްވި ޖޫން މަހުގެ ކަރަންޓު ބިލު ބޮޑުވެގެން އާއްމުން ޝަކުވާ ކުރަމުންދާއިރު، އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ސްޓެލްކޯގެ މައި އޮފީސް ކުރިމަތީގައި ބަޔަކު އިހުތިޖާޖުވެސް ކުރި އެވެ. އެއާއެކު ސްޓެލްކޯ އިން ވަނީ ކަރަންޓު ބިލާ މެދު ޝަކުވާ އޮތް ނަމަ އެ ޝަކުވާއެއް ވަޓްސް އެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ