މާލެ: 31°C
ކުޅިވަރު މުބާރާތަށްވުރެ، ކުރިއަށް އޮތްތަނުގައި ޤައުމީ ޤުރުއާން މުބާރާތަށް ސަރުކާރުންދޭ އިނާމް ބޮޑުކުރަނީ

ކުޅިވަރު މުބާރާތަށްވުރެ، ކުރިއަށް އޮތްތަނުގައި ޤައުމީ ޤުރުއާން މުބާރާތަށް ސަރުކާރުންދޭ އިނާމް ބޮޑުކުރަނީ

July 16, 2024
2 ފަހަރު ބަލާފައި
ކުޅިވަރު މުބާރާތަށްވުރެ، ކުރިއަށް އޮތްތަނުގައި ޤައުމީ ޤުރުއާން މުބާރާތަށް ސަރުކާރުންދޭ އިނާމް ބޮޑުކުރަނީ
ކުރިއަށްއޮތްތަނުގައި ސަރުކާރުން މުބާރާތްތަކަށް އިނާމް ދިނުމުގައި އެންމެބޮޑު ހޭދައެއް ކުރައްވާނީ ޤައުމީ ޤުރުއާން މުބާރާތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ،  އަންނަ އަހަރުންފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި ހައްދަވާނެކަމަށެވެ. ރައީސް ވިދާޅުވީއިސްލާމްދީނަށް ނަޞްރުދިނުމަކީ، އެމަނިކުފާނު އެންމެ އިސްކަން ދެއްވާނެ ޤައުމީ އެއް ވާޖިބުކަމަށާއި، އެކަމަށްޓަކައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށެވެ. އެގޮތުން ކީރިތި ޤުރުއާން ހިތުދަސް ޙާފިޒުން އުފެއްދެވުމަށް އަދި އެކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް މި ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި އެމަނިކުފާނު ގެންގުޅުއްވާނެ ސިޔާސަތަކީ، ކީރިތި ޤުރްއާން ހިތުދަސް ޙާފިޒުން އުފެއްދެވުމަށް ސަރުކާރުން ޚާއްޞަ ހޭދައެއްކުރެއްވުން ކަމަށާއި، އެކަމަށްޓަކައި ވަސީލަތްތައް އިތުރުކުރައްވައި ޙާފިޒުންނަށް ދެއްވާ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެއްވުންކަމުގައި ވިދާޅުވިއެވެ. ދިވެހީންގެ ދިރިއުޅުން އިސްލާމީ ސަގާފަތުން ޒީނަތްތެރިވެގެންވުމަކީ ދިވެހީންނަށް އެންމެ ލާބަހުރި ގޮތްކަމުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށް މަގުފަހިކޮށްދެއްވުމަށްވެސް މި ސަރުކާރުން ސަމާލުކަންދެއްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން ހިލޭ ކީރިތި ޤުރުއާން ކިޔެވޭނެ ކުލާސްތައް އިތުރުކުރައްވައި މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކީރިތި ޤުރުއާނުގެ ޢިލްމާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅުއްވަމުންދާކަމަށެވެ. އަދި އެކަމަށް ބޭނުންވާ މާލީ އެހީ ތަނަވަސްކުރުމަށް "ދާރުއްސަލާމް" އާއި "ދާރުލްއަރްޤަމް" ގެ ނަމުގައި އިތުރު ދެ ވަޤްފު އިމާރާތް ބިނާ ކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ކުރިއަށްގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ކީރިތި ޤުރުއާން އުނގަންނައިދިނުމަށް، ކީރިތި ޤުރުއާނަށް ޚާއްޞަ ޤައުމީ ހިޔާވައްސެއް ހުރުމަކީ މުހިންމުކަމެއްކަމުގައި ފާހަގަކުރައްވައި މި ސަރުކާރުގެ މެނިފެސްޓޯގެ ވަޢުދުތަކާ އެއްގޮތަށް އެ ފުޅާމިނުގައި ޤުރުއާނާބެހޭ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ކީރިތި ޤުރުއާނާބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޭގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިޔަތާއި ޢަމަލުގެ މަސްދަރަކީ ކީރިތި ޤުރްއާންކަމުގައި ހެއްދެވުމަށް އިލްތިމާސްކުރައްވާފައެވެ. ކުރިއަށް އޮތްތަނުގައި ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އިނާމަށް ކުރާ ހޭދަ ބޮޑުކުރައްވާނޭކަމަށް ރައީސް ވިދާޅުވިއިރު، ސަރުކާރުން މިހާތަނަށް އިނާމް ދިނުމުގައި އެންމެބޮޑު ހޭދައެއް ކުރަނީ ކުޅިވަރުގެ މުބާރާތްތަކަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ