މާލެ: 31°C
މިފްކޯގެ ސީއީއޯގެ މަގާމަށް ޝަރުތު ހަމަވާ މީހަކު ނުލިބުމުން އިއުލާން ބާތިލް

މިފްކޯގެ ސީއީއޯގެ މަގާމަށް ޝަރުތު ހަމަވާ މީހަކު ނުލިބުމުން އިއުލާން ބާތިލް

July 16, 2024
2 ފަހަރު ބަލާފައި
މިފްކޯގެ ސީއީއޯގެ މަގާމަށް ޝަރުތު ހަމަވާ މީހަކު ނުލިބުމުން އިއުލާން ބާތިލް
ސަރުކާރުގެ މަސް ކުންފުނި, މިފްކޯއަށް ސީއީއޯއަކު ހޯދަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ކުރި އިއުލާން ބާތިލްކޮށްފި އެވެ. މިފްކޯއަށް ސީއީއޯއަކު ހޯދަން އިއުލާންކޮށްފައިވަނީ 26 ޖޫންގަ އެވެ. އެ މަގާމަަށް މީހަކު ހޯދަން ހުޅުވައިލީ މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާ ހުރި ބޭރުގެ ފަރާތްތަކަށްވެސް ކުރިމަތިލެވޭ ގޮތަށެވެ. އެ މަގާމަށް ކުރިމަތިލުމުގެ ސުން ގަޑި ހަމަވެފައިވަނީ އިއްޔެ އެވެ. ޕީސީބީން ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމަށް ކުރިމަތި ލެވޭނީ ބިޒްނަސް މެނޭޖްމެންޓާއި އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ފުރިހަމަކޮށްފައިވާ މީހަކަށެވެ. ނުވަތަ ޑިގްރީ ހާސިލުކޮށް، އަދި އަށް އަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ އިންޓަނޭޝަނަލް ފެންވަރުގެ ކުންފުންޏެއް ހިންގުމުގެ ހަތަރު އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވެސް ކުރިމަތި ލެވޭނެ އެވެ. މިފްކޯގެ ސީއީއޯގެ މުސާރައަކީ, ގާބިލްކަމަށް ބެލުމަށްފަހު 9،500 ޑޮލަރު (146،000ރ.) އާއި 12،000 (185،000ރ.) ދެމެދެވެ. މިފްކޯގެ ސީއީއޯ/އެމްޑީގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަހުމަދު ސަމާހު ރަޝީދެވެ. އޭނަ އެ މަގާމުން ވަކިކޮށް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓަކަށް އައްޔަންކުރީ މުިދިޔަ މަހުގެ ތެރޭގަ އެވެ. މިފްކޯ އަކީ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީއެކެވެ. އެ ކުންފުނި ވުޖޫދަށް އައީ ނޮވެމްބަރު 1، 1993 ގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ