މާލެ: 31°C
މިފްކޯގެ ސީއީއޯގެ މަގާމަށް އާތިފް ކުރިމަތިލައިފި

މިފްކޯގެ ސީއީއޯގެ މަގާމަށް އާތިފް ކުރިމަތިލައިފި

July 16, 2024
2 ފަހަރު ބަލާފައި
މިފްކޯގެ ސީއީއޯގެ މަގާމަށް އާތިފް ކުރިމަތިލައިފި
މިފްކޯގެ ޗީފް އެގެޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރު ކުރިމަތިލައްވައިފިއެވެ. ސަރުކާރުގެ މަސް ކުންފުންޏަށް ސީއީއޯއަކު ހޯދަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އިއުލާންކުރީ މިދިޔަ މަހުގެ 15 ގައެވެ. އަދި ރާއްޖެއިން ބޭރު މީހުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް ދިން މުއްދަތު ހަމަވީ އިއްޔެ މެންދުރު 2:00 ގައެވެ. މި މަގާމަށް ކުރިމަތިލި މީހުންގެ ޖުމްލަ އަދަދު އަދި ސާފު ނުވި ނަމަވެސް، އާތިފާއެކު ފެލިވަރު ކޭނިން ފެކްޓަރީގެ ފުޑް ސޭފްޓީ އިސްވެރިޔާ ކަމާއި ފެލިވަރުގެ މެނޭޖަރުކަން ކުރެއްވި އަލީ އަހުމަދު ވެސް އެ މަގާމަށް ކުރިމަތިލެއްވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިފްކޯގެ ސީއީއޯ/އެމްޑީގެ މަގާމަށް ހުޅުވާލީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު އެ މަގާމުން ވަކިކޮށް، މިދިޔަ މަހުގެ ތެރޭގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓަކަށް އައްޔަންކުރުމާއި ގުޅިގެންނެވެ. މިފްކޯގެ ސީއީއޯގެ މަގާމަށް އާތިފު ކުރިމަތިލެއްވިއިރު، 2004 އިން ފެށިގެން 2013 އާ ހަމައަށް އޭނާ ވަނީ އެ ކުންފުނީގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި މިފްކޯގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރުކަމާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ އިތުރުން މެނޭޖިން ޑިރެކްޓަރުކަން ހިމެނެއެވެ. އާތިފް ކުރިން އެމްޓީސީސީ އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވިއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އެންމެ އިސްވެރިޔާގެ މަގާމު ވެސް އާތިފު ފުރައްވާފައިވެއެވެ. އޭގެ އިތުރުން، ރާއްޖެ އާއި ބޭރުގެ ބޮޑެތި ބައެއް ކުންފުނިތަކުގެ ކޮންސަލްޓަންޓުކަން ވެސް ކުރައްވާފައިވާ އާތިފް އަންނަނީ ރާއްޖޭގެ އިގްތިސާދު ދިރާސާކޮށް، ރާއްޖޭގެ ނޫސްތަކާއި ބޭރުގެ ސައިޓްތަކުގައި ލިޔުއްވަމުންނެވެ.

ޕީސީބީން ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމަށް ކުރިމަތި ލެވޭނީ ބިޒްނަސް މެނޭޖްމެންޓާއި އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ ޑިގްރީ ހާސިލުކޮށް، އަދި އަށް އަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ އިންޓަނޭޝަނަލް ފެންވަރުގެ ކުންފުންޏެއް ހިންގުމުގެ ހަތަރު އަހަރުގެ ތަޖުރިބާ ހުންނަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މަގާމަށް ހޮވޭ ފަރާތުގެ ގާބިލްކަމަށް ބެލުމަށްފަހު 9،500 ޑޮލަރު (146،000ރ.) އާއި 12،000 (185،000ރ.) ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް ޕީސީބީން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ