މާލެ: 31°C
އިގްތިސާދު މިހާލަތަށް ދިޔައީ ފާއިތުވި ދެ އަހަރު ދިން ލަފާއަށް އަޅާނުލުމުން: ގަވަރުނަރު

އިގްތިސާދު މިހާލަތަށް ދިޔައީ ފާއިތުވި ދެ އަހަރު ދިން ލަފާއަށް އަޅާނުލުމުން: ގަވަރުނަރު

July 15, 2024
2 ފަހަރު ބަލާފައި
އިގްތިސާދު މިހާލަތަށް ދިޔައީ ފާއިތުވި ދެ އަހަރު ދިން ލަފާއަށް އަޅާނުލުމުން: ގަވަރުނަރު
ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާލަތަށް ވެއްޓިގެން ދިޔައީ ފާއިތުވި ދެ އަހަރު ދެއްވި ލަފާއަށް ސަރުކާރުން އެއްވެސް އަހައްމިއްޔަތު ކަމެއް ނުދިނުމުން ކަމަށް ސެންޓްރަލް ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ. އެމްއެމްއޭގެ ގަވަނަރު ހާޝިމް ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް ހުށަހަޅާފައިވާ އިރު، މިއަދު އޮތް ކޮމިޓީ ބައްދަލުވުމަށް ގަވަރުނަރު ހާޒިރު ކުރާ ގޮތަށް އެޖެންޑާ ވެސް ކުރިއެވެ. އެކަމަކު، ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީ އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވޭ ގޮތެއް ނުވިއެވެ. އެކަމަކު، ގަވަރުނަރު ވަނީ މާލިއްޔަތު ކޮމިޓީ އަށް ޖަވާބުދާރީވެވަޑައިގަތުމުގެ ގޮތުން ލިޔުމެއް ފޮނުއްވައިފައެވެ. ހާޝިމް ވިދާޅުވީ އިގުތިސާދީ ކާރިސާއެއް އައުމުގެ ކުރިން އެފަދަ ހާލަތަކުން ގައުމު ސަލާމަތް ކުރަން ބޭނުންވާ މައުލޫމާތާއި އިރުޝާދާއި އެހީ އެމްއެމްއޭ އިން ފޯރުކޮށްދީފައިވާނެ ކަމަށެވެ. އެމްއެމްއޭއަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ އިގްތިސާދަށް ދިމާވާ ގޮންޖެހުންތަކަށް ވިސްނުންތެރިކަމާ އެކީ ކުރިމަތިލައި އިގްތިސާދީ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ވެސް ރާއްޖެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓުނަނުދީ ރައްކާތެރި ދިމާލަކަށް ވާސިލްވެވޭނެ ގޮތްތައް ޔަގީން ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ވޭތުވެދިޔަ ދެ އަހަރުތެރޭގައި އެކަނިވެސް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވި މަޝްވަރާތަކުން، އިގްތިސާދަށް ނުރައްކާތަކެއް ހުރިކަމާއި އެ ނުރައްކާތަކުން އިގްތިސާދު ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ސަރުކާރާއި ކަމާބެހޭ އެހެން ފަރާތްތަކާ މި އޮތޯރިޓީން ހިއްސާ ކޮށްފައިވާކަން އެނގިލައްވާނެއެވެ،" ގަވަރުނަރު ލިޔުމުން ދެއްވި ޖަވާބުގައިވެއެވެ. މިހާރުގެ އިގުތިސާދީ ހާލަތު އަދި އިގުސާދީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބޮޑު ބިރެއް އޮތުމުގެ މައިގަނޑު ސަބަބަކީ، އެމްއެމްއޭ އާއި މާލީ ކަންކަމާ ބެހޭ ބައިނަލްއަގްވާމީ އިދާރާތަކުގެ އިރުޝާދާއި ލަފައަށް އަހައްމިޔަތުކަން ނުދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްއެމްއޭ އިން ޒަމާނުންސުރެ ވަކާލާތު ކުރަމުން އައިސްފައިވާ ފިސްކަލް ޑިސިޕްލިން ގެންގުޅެފައި ނެތް ކަމަށް ހާޝިމް ވިދާޅުވިއެވެ. އިގުތިސާދީ މި ހާލަތުން އަރައިގަތުމަށް މުޅި ދިވެހި ދައުލަތް އެކުގައި ދަތި އަދި އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ މި ހާލަތުގައި އޭނާ އަދި އެމްއެމްއޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ހާޝިމް ވިދާޅުވިއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ