މާލެ: 31°C
ހަބީބް އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރަނީ

ހަބީބް އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރަނީ

July 15, 2024
2 ފަހަރު ބަލާފައި
ހަބީބް އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރަނީ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމަށް ކުރީގެ އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް އަބްދުއްރަހީމް އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހަޅުއްވައިފިއެވެ. ރައީސް އޮފީހުން އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިދިޔަ ޖޫން ހަވަނަ ދުވަހު ހުޅުވާލިއިރު، އެ މުއްދަތު ހަމަވީ މިދިޔަ ޖޫން 30 ވަނަ ދުވަހުއެވެ. އެ މަގާމަށް ހުޅުވާލީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަހްމަދު އަދުހަމް އަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެހެންކަމުން، އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަންގެ މެންބަރު ކަމަށް ހަބީބް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މިއަދު ވަނީ މަޖިލީހުގެ ތަޅުމުގައި އިއްވާފައެވެ. ހަބީބްގެ ނަން މަޖިލީހަށް ހުށަހެޅުމާ ގުޅިގެން އޭނާގެ ނަން ދިރާސާކުރުމުގެ މައްސަލަ ފޮނުވާފައިވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށެވެ. ހަބީބަކީ އިލެކްޝަންސް ކޮމިޝަން (އީސީ) ގައި 21 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެ މުއްދަތުގެ ތެރޭގައި ހަބީބް ވަނީ އީސީގެ މެންބަރުކަމުގެ އިތުރުން އީސީގެ ނައިބް ރައީސް ކަންވެސް ކުރައްވާފައެވެ. ހަބީބް އީސީ އިން ވަކިވެވަޑައިގަތީ މިދިޔަ މާޗް 13 ވަނަ ދުވަހު އެވެ. އެޗްއާރްސީއެމްގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ އާއި، ކޮމިޝަންގެ މެންބަރުން ކަަމަށްވާ މުއުމިނާ ވަހީދު އާއި، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގުގެ އިތުރުން ސަމާއު އަހްމަދު ނަޖީބެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ