މާލެ: 31°C
އަގުހެޔޮ ޑިޒައިންތަކަށް ބަދަލުކޮށްގެން ހޮސްޕިޓަލްތަކުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމައިފި

އަގުހެޔޮ ޑިޒައިންތަކަށް ބަދަލުކޮށްގެން ހޮސްޕިޓަލްތަކުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމައިފި

July 15, 2024
2 ފަހަރު ބަލާފައި
އަގުހެޔޮ ޑިޒައިންތަކަށް ބަދަލުކޮށްގެން ހޮސްޕިޓަލްތަކުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމައިފި
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސިއްހީ ދާއިރާއަށް ގެންނަން އުޅުނު ބަދަލުތައް ނުގެނެވުނީ އެއްވެސް ޕްލޭނެއް ނެތި ކޮށްފައިވާ ކަންކަމުގެ ސަބަބުން ކަމަށާއި އެ ސަރުކާރުން ކަނޑައެޅި އަގަށްވުރެ ދެ ގުނަ ކުޑަކޮށް، ސިއްހީ ދާއިރާގެ މަޝްރޫއުތައް ހިންގާނެ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުالله ހަލީލް ރޭ ވިދާޅުވެއްޖެ އެވެ. މިނިސްޓަރު އެހެން ވިދާޅުވީ ހ. ވެޔޮވިލާ ގައި ސަރުކާރު ހިންގާ ޕާޓީ ކޮންގްރެސް އިން ބޭއްވި ހަރުގެ ޖަލްސާގައި ދެއްކި ވާހަކަގަ އެވެ. ހަލީލް ވިދާޅުވީ ކުރީ ސަރުކާރުން ސިއްހީ ދާއިރާއަށް ބަދަލުތަކެއް ގެންނާނެ ކަމުގެ ބޮޑެތި ވައުދުތަކެއްވި ކަމަށެވެ. އޭގެ ތެރޭގައި އާބާދީ ބޮޑެތި ރަށްރަށުގައި ހޮސްޕިޓަލްތަކެއް އަޅާނެ ކަމުގެ ވައުދުވެސް ހިމެނޭކަން ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ގިނަ ވައުދުތައްވީ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށެވެ. ހަލީލް ސިފަކުރެއްވި ގޮތުގައި ވައުދުތައްވީ "ހަކަތަ ނެތް" މިންވަރަށެވެ. އެހެންވެ ގިނަ ވައުދުތައް ނުފުއްދޭ ކަމަށް ވިދާޅުވި އެވެ. "ހީވީ ހަމަ މާދަމާ ފަށާފާނެހެން. އެކަމަކު ނުކުރެވުނީ ކީއްވެގެން. ނުކުރެވެނީ މި ދައުލަތުގައި ހަކަތަ ނެތް މިންވަރަށް ކަންތައް ކުރެވެނީމަ،" ހަލީލް ވިދާޅުވއިެވެ. މިނިސްޓަރު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ "ފެންސީ" އިމާރާތްތަކުގެ ބަދަލުގައި ރަށުގައި ތިބެ ރަނގަޅު ހިދުމަތްތަކެއް ލިބުން ކަމަށެވެ. ހަލީލް ދެއްވި ޔަގީންކަމަކީ މިދިޔަ ސަރުކާރުން މަޝްރޫއުތައް ހިންގަން ކަނޑައެޅި އަދަދަށްވުރެ ކުޑަ އަގެއްގައި މި ސަރުކާރުން އެކަންކަން ކޮށްދޭނެ ކަމެވެ. "އެ ބޭފުޅުން (ކުރީ ސަރުކާރު) 50 އެނދުގެ ހޮސްޕިޓަލެއް ރާވާފައި އޮތީ ގާތްގަނޑަކަށް 200 މިލިޔަނުން މަތީގައި ކުރަން. އަޅުގަނޑުމެން ހަމަ އެ ހިދުމަތްތައް އޭގެ ދެގުނަ ދަށްކޮށް ކުރާނަން. 30 ބެޑްގެ ހޮސްޕިޓަލެއް 135 މިލިޔަނެއް މަތިން ކުރަން އުޅޭއިރު, އެކަން ވެސް ކުރާނީ ދެގުނަ ކުޑަކޮށް ޑިޒައިންނަށް ގެންދަ ބަދަލުތަކާއެކު ރައްޔިތުން ނަށް ލިބޭ ހިދުމަތަކަށް ބަދަލެއް ނައިސް މިކަން ކުރެވޭނެ" ހަލީލް ވިދާޅުވި އެވެ. ހެލްތް މިނިސްޓްރީގެ މަޝްރޫއުތަކުގެ ތަފްސީލު ހިއްސާކުރައްވަމުން ހަލީލް ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ސިއްހީ ދާއިރާގެ 57 މަޝްރޫއެއް އެވޯޑްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 34 މަޝްރޫއުއެއް ހުއްޓިފައި އޮތްއިރު މި ސަރުކާރުން 20 މަޝްރޫއެއް ފަށާފައިވާކަން ހަލީލް ހާމަކުރެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ