މާލެ: 31°C
އިނގުރައިދޫ ކަރަންޓް މައްސަލައަށް ފެނަކައިން ވަގުތީ ހައްލެއް ހޯދައިދީފި

އިނގުރައިދޫ ކަރަންޓް މައްސަލައަށް ފެނަކައިން ވަގުތީ ހައްލެއް ހޯދައިދީފި

July 14, 2024
2 ފަހަރު ބަލާފައި
އިނގުރައިދޫ ކަރަންޓް މައްސަލައަށް ފެނަކައިން ވަގުތީ ހައްލެއް ހޯދައިދީފި
ރ.އަތޮޅު އިނގުރައިދޫއަށް ކުރިމަތިވެފައިވާ ކަރަންޓް މައްސަލަ މިވަގުތަށް ހައްލެއް ގެނައުމަށް ފެނަކައިން އައު އިންޖީނެއް އެރަށަށް ފޮނުވައިފިއެވެ. ފެނަކައިން ބުނީ އިނގުރައިދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް 600 ކވ ގެ ޖަނަރޭޓަރެއް ފޮނުވާފައިވާކަމަށެވެ. އައު ޖަނަރޭޓަރު އިނގުރައިދޫއަށް ބާލާފައިވާއިރު، އިންޖީނުގެއަށް ޖަނަރޭޓަރު ގެންދެވުމާއެކު އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާނޭކަމަށް ފެނަކައިން ބުނެއެވެ. އިނގުރައިދޫއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ތިން އިންޖީނުގެ ތެރެއިން އިންޖީނަކަށް މައްސަލައެއް ދިމާވެ، މިދިޔަ ދުވަސްތަކުގައި އެރަށުން އަވަސްއަވަހަށް ކަރަންޓް ކަނޑައިގެން ދިއުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މިނިވަންއާ ވާހަކަދައްކަމުން އިނގުރައިދޫގެ ކަރަންޓްގެ ކަންކަން ވަރަށް ރަނގަޅަށް އެގޭ މީހަކު ބުނީ ފެނަކައިން މިއަދު އެރަށަށް ފޮނުވި 600 ކވ އިންޖީނުން މިވަގުތަށް ހައްލެއް ލިބުނު ނަމަވެސް، މިއީ އަދި ދާއިމީ ހައްލެއް ނޫންކަމަށެވެ. "ރަށަކީ ދިގު ރަށެއް ކަމުން ރަށުގެ އިރުމަތީ ކޮޅުގައި ޖަނަރޭޓަރު ހުންނައިރު، އެންމެ ހުޅަނގުކޮޅުގެ ގޭތަކަށް މިހާރުވެސް ކަރަންޓް ލިބެންޖެހޭ މިންގަނޑުގައި ކަރަންޓެއް ނުލިބޭ. އިނގުރައިދޫއަށް ރަނގަޅުގޮތުގައި ކަރަންޓް ދޭން ބޭނުންނަމަ، ނެޓްވަރކް އަޕްގްރޭޑްކޮށް ޓްރާންސްފޯމަރެއް ބަހައްޓަންޖެހޭ. އެހެންނޫނީ ދެން އަންނަ ރަމަޟާންމަހުވެސް ކަރަންޓަށް ޖެހިދާނެ" އިނގުރައިދޫއިން ވާހަކަދެއްކި މީހަކު ބުންޏެވެ. އިނގުރައިދޫއަށް ބޭނުންވާ ކަރަންޓްގެ ހިދުމަތް ދިނުމަށް ފެނަކައިން ތިން ޖަނަރޭޓަރު ބޭނުންކުރަމުން އަންނައިރު، މީގެ ތެރޭގައި ހިމެނެނީ 400 ކވ ގެ ދެ ޖަނަރޭޓަރާއި، 200 ކވ ގެ ޖަނަރޭޓަރެކެވެ. އާބާދީގައި ދެހާހަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ އިނގުރައިދޫއަކީ ރ އަތޮޅުގެ ނިސްބަތުން އެންމެ މީހުންގިނަ ރަށުގެ ތެރެއިން ރަށެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ