މާލެ: 31°C
ތިލަމާލެ ބްރިޖުގެ 40 ޕަސެންޓް މަސައްކަތް ނިމިއްޖެ

ތިލަމާލެ ބްރިޖުގެ 40 ޕަސެންޓް މަސައްކަތް ނިމިއްޖެ

July 12, 2024
3 ފަހަރު ބަލާފައި
ތިލަމާލެ ބްރިޖުގެ 40 ޕަސެންޓް މަސައްކަތް ނިމިއްޖެ
ކުރީ ސަރުކާރުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި އަޅަންފެށި ތިލަމާލެ ބްރިޖްގެ މަސައްކަތުގެ 40 ޕަސެންޓް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ. މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތައާމު މުހައްމަދު ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ބްރިޖުގެ 29 ޕަސެންޓް މިނިފައިވީ ނަމަވެސް މިހާރު ބްރިޖުގެ 40.47 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ވަނީ ބްރިޖްގެ އެއް ތަނބު އަނެއް ތަނބާ ގުޅުވައިލަނީ ޕްރީ-ކާސްޓް ސެގްމަންޓްތަކަކުން ކަމަށްވާއިރު، އޭގެ ފުރަތަމަ ސެގްމެންޓް ވިލިމާލެއާ ދިމާލުން ގުޅުވާލުމުގެ މަސައްކަތް ފަށާފައެވެ. ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ކުރިން ވިދާޅުވި ގޮތުގައި ތިލަމާލެ ބްރިޖުގެ މަސައްކަތް 2026 ވަނަ އަހަރުގެ ސެޕްޓެމްބަރ ނިޔަލަށް ނިންމާލެވޭނެއެވެ. މިހާރު ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ދާ ނަމަ، އަންނަ އަހަރު ފެބްރުއަރީ އަށް މާލެ އާއި ވިލިމާލެ ގުޅާލެވޭނެ ކަމަށް ކުރިން ވެސް ބުނެފައިވެއެވެ. އަދި މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ އޯގަސްޓް 26، 2021 ގައެވެ. ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ އޮގަސްޓް 22، 2022 ގައެވެ. ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރު ދިގު ބްރިޖެކެވެ. މި މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ