މާލެ: 31°C
ރީކޯ މޫސަ ހައްގު ހޯދަން އެންމެ ފަހުން އިލެކްޝަނަށް

ރީކޯ މޫސަ ހައްގު ހޯދަން އެންމެ ފަހުން އިލެކްޝަނަށް

July 9, 2024
2 ފަހަރު ބަލާފައި
ރީކޯ މޫސަ ހައްގު ހޯދަން އެންމެ ފަހުން އިލެކްޝަނަށް
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނުދިނުމުން އެ މައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށްއެޕާޓިގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ނިންމަވައިފިއެވެ. އެމްޑީޕީގެ މާލެ ސިޓީ ރައީސްކަމަށް ވާދަކުރައްވަން މުސާ މަނިކު ފޯމު ހުށަހެޅުއްވުމުން އެފުރުސަތު ނެތްކަން އެމްޑީޕީން ވަނީ އަންގާފައެވެ. މޫސަ ވަނީ އެމްޑީޕީން އެކަން ބަޔާންކޮށް ދިން ޖަވާބު ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. އެމްޑީޕީން މޫސައަށް ދީފައިވާ ޖަވާބުގައި ވަނީ އޭނާ އެޕާޓީން ވަކިކުރީ އަނބުރާ އެޕާޓީއާއި ގުޅިވަޑައިގެންނެވިނަމަވެސް، ފަސް އަހަރު ދުވަހަށް އެއްވެސް މަޤާމަކަށް އަދި އިންތިޚާބަކަށްވެސް ވާދަ ނުކުރެވޭނެގޮތަށްކަމަށެވެ. އަދި އެ ނިންމުން ބަދަލުކުރަން ޖެހޭ ސަބަބެއް ނެތްކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ. މޫސާ މަނިކު އެމްޑީޕީން ވަކިކޮށްފައިވަނީ އޭރު ޕާޓީގެ ވިޕްލައިނާއި ޚިލާފުވުމުން، އެ މައްސަލަ ބެލުމަށް ފަހު ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން 2014 އަހަރު ޑިސެމްބަރު މަހުއެވެ. އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ 2022 ވަނަ އަހަރުއެވެ. މިމައްސަލާގައި މޫސާ މަނިކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމްޑީޕީގެ ލީޑަރޝިޕުން އޭނާއަށް ފުރުސަތު ނުދިން ސަބަބާމެދު ސުވާލު އުފައްދަވާފައެވެ. އަދި ޕާޓީގެ ލީޑަރޝިޕަށް އޮތް ބިރަކީ ވެރިކަން ލިބުމަށް އޮތް ހުރަހަކަށް ވުންކަމަށް އޭނާ ވިދާޅުވިއެވެ. އޭރުވެސް ޕާޓީން ކަނޑާލީ އެހެންވެ ކަމަށް މޫސާ މަނިކު ވިދާޅުވިއެވެ. މިމައްސަލަ ޕާޓީތަކުގެ ބެލެނިވެރި ފަރާތް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް މޫސަ ވަނީ ނިންމަވާފައެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ނުދިނުމަކީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާއާ ހިލާފަށް ކުރާ ކަމެކެވެ. މޫސާ މަނިކު 2022 ވަނަ އަހަރު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށްފަހު އެޕާޓިގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިންގައިވެސް އޭނާ އިސްކޮށް އުޅުއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ