މާލެ: 31°C
އާދައިގެ ވަޒީފާތަކުގައި ތިބި މުވައްޒަފުން ވަކިކުރުން ހުއްޓާލުމަށް ގޮވާލި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އާދައިގެ ވަޒީފާތަކުގައި ތިބި މުވައްޒަފުން ވަކިކުރުން ހުއްޓާލުމަށް ގޮވާލި ކުއްލި މައްސަލަ ބޭރުކޮށްލައިފި

July 9, 2024
2 ފަހަރު ބަލާފައި
އާދައިގެ ވަޒީފާތަކުގައި ތިބި މުވައްޒަފުން ވަކިކުރުން ހުއްޓާލުމަށް ގޮވާލި ކުއްލި މައްސަލަ ބޭރުކޮށްލައިފި
ސަރުކާރުގެ އެކި އިދާރާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސިޔާސީ މުވައްޒަފުން ނެގުން ހުއްޓާލައި، އާދައިގެ ވަޒީފާތަކުގައި ތިބި މުވައްޒަފުން ވަކިކުރުން ހުއްޓުވުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޛާކިރެވެ. މި ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް 12 މެންބަރުން ވޯޓު ދިންިއުރު، އެ ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 57 މެންބަރުން ވަނީ ވޯޓު ދީފައެވެ. މައުރޫފް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސިޔާސީ މަގާމުތައް މަދުކުރުމަށް ނިންމާފައިވާކަން ރައީސް މުއިއްޒު ހާމަކުރައްވާފައިވާ ކަމަށެވެ. މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އިން ދަށުގައި ހިފެހެއްޓުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއްކަމަށާއި، ނަމަވެސް އެ އަދަދު 2000 ގައި ހުރިކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަން ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި ރައީސް އަށް ގާނޫނުއަސާސީން ލިބިދޭ އިހުތިޔާރުގެ، ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށާއި، ބޮޑެތި މުސާރައިގައި ސިޔާސީ މަގާމުތަކަށް ގިނަ ބަޔަކު ނަގަމުންދާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ. އޭގެ އިތުރުން، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަކީ ގާނޫނުއަސާސީން ލިބޭ ހައްގަކަށްވާއިރު އަދި ސަރުކާރު ޖަވާބުދާރީ ކުރުމަކީ މަޖިލީހުގެ ދުސްތޫރީ ވާޖިބަކަށް ވާއިރު، ސިޔާސީ މަގާމުތައް އިތުރުކުރާތީ، ސިޔާސީ މުވައްޒަފުންގެ އަދަދާއި މުސާރަ ސާފުކުރުމަށް ފިނޭންސް މިނިސްޓްރީގައި މާލިއްޔަތު ކޮމިޓީން އެދުމުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. "ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތު ތަންފީޒު ކުރަމުންދަނީ ނުވަތަ ހަރަދު ކުޑަކުރުމުގެ ނަމުގައި ހިންގާ މިޖަރީމާ އަމާޒުކުރައްވަނީ ހަމައެކަނި އާދައިގެ ވަޒީފާތައް އަދާކުރަމުންދާ ދެރަ ނިކަމެތި އާދައިގެ ރައްޔިތު މީހާއަށެވެ." ކުއްލި މައްސަލައިގައި ބުނެފައިވެއެވެ. މައުރޫފް ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ ސަރުކާރުގެ ވަޒީފާގައި އުޅޭ އެއްވެސް މީހަކު ވަކިނުކުރާނެ ކަމަށް ވައުދުވެފައިވާކަން ފާހަގަކޮށް، އެ ވައުދާ ހިލާފަށް ފާއިތުވި 2 މަހު ސަރުކާރު ކުންފުނިތަކުގެ އާދައިގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ކޫއްޑޫގައި މަސައްކަތްކުރާ މިފްކޯގެ އެތަކެއް މުވައްޒަފުން މިދިޔަ ހަފުތާގައިވެސް ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެފައިވެއެވެ. އެހެންކަމުން، ސިޔާސީ މަގާމުތަކަށް މީހުން ނެގުން ހުއްޓުމަކަށްގެނެސް، އާދައިގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރުން ހުއްޓާލުމަށް ގޮވާލާ އަދި މިހާތަނަށް ވަކިކުރި ފަރާތްތަކުގެ ވަޒީފާތައް އިޔާދަކުރުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ