މާލެ: 31°C
އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ، ޖުލައި 21 ގައި

އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ، ޖުލައި 21 ގައި

July 8, 2024
2 ފަހަރު ބަލާފައި
އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ، ޖުލައި 21 ގައި
ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މިދިޔަ އަހަރުގެ އަހަރީ އާއްމުޖަލްސާ މިހިނގާ ޖުލައިމަހުގެ 21 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ތާވަލްކޮށްފިއެވެ. އެމްޓީޑީސީން ނެރެފައިވާ 2023 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ނޯޓިހުގައި ބުނެފައިވަނީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައިމަހުގެ 21 ވަނަ ދުވަހުގެ ރޭ 21:00 ގައި މެންހެޓަން ބިޒްނަސް ހޮޓަލުގެ އެއްވަނަ ފަންގިފިލާގައި ހުންނަ ހޯލް 1 ގައި ކަމަށެވެ. މި ޖަލްސާގައި މިދިޔަ އަހަރު އޮޑިޓްކޮށްފައިވާ މާލީހިސާބުތައް ފާސްކުރުމާއި ކުރިއަށްއޮތް އަހަރަށް ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުން އައްޔަނުކުރުމާއި އުޖޫރަ ކަނޑައެޅުން އޮންނާނެއެވެ. މީގެ އިތުރުން ހިއްސާދާރުންނަށް ބަހާނެ ފައިދާ އާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމުން އޮންނާނެއެވެ. މީގެ އިތުރުން ކުރިއަށްއޮތް ދެ އަހަރަށް އެމްޓީޑީސީގެ ބޯޑަށް ޑިރެކްޓަރުން އައްޔަނުކުރުންވެސް އޮންނާނެއެވެ. މިދިޔަ ޖޫންމަހުގެ 30 ވަނަ ދުވަހު ބޭއްވި އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިން ވަނީ ހުސްވިއަހަރު އެކުންފުނީގެ ވިޔަފާރީގެ ފައިދާއިން ހިއްސާދާރުންނަށް ހިއްސާއަކަށް 0.60 ލާރި ބެހުމަށް ނިންމާފައެވެ. އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމުގެ ގޮތުން ރައީސް މައުމޫނުގެ ވެރިކަމުގައި 2006 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެމްޓީޑީސީއަށް ރިސޯޓް ތަރައްޤީކުރުމަށް ސަރުކާރުން 9 ރަށެއް ދިންއިރު، މީގެ ތެރެއިން މިހާރު އެމްޓީޑީސީއަށް ނަފާވަނީ އެންމެ ދެ ރިސޯޓުންނެވެ. އެއީ އަނަންތަރާ ކިހަވަށް ވިލާސް އާއި އަޔާޑާ މޯލްޑިވްސް އެވެ. އެމްޓީޑީން ކުރިއަށްގެންދިޔަ ޓޫރިޒަމް ޕްރޮޖެކްޓްގެ ތެރެއިން ހެރެތެރެ ރިސޯޓް އަދި ހއ އުލިގަމްގައި ތަރައްޤީކުރަންފެށި ސިޓީ ހޮޓާ މަޝްރޫއު އިން ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔައިރު، މިހާރު އެކުންފުނީގެ އެންމެ ބޮޑު އުއްމީދަކީ ހދ އަތޮޅުގައި ތަރައްޤީކުރަމުންދާ ނާގޯށި ރިސޯޓެވެ. އެ ރިސޯޓަކީ 230 އެނދުގެ ރިސޯޓެކެވެ. އެމްޓީޑީސީ ވުޖޫދަށް އައިތާ 17 އަހަރުވެފައިވާއިރު، ފަތުރުވެރިކަމުން ލިބެންޖެހޭ ހަގީގީ މަންފާ އަދި މިހާތަނަށް އެކުންފުނިން ލިބެމުން ނުދާކަމަށް އާއްމު ހިއްސާދާރުން ކޮންމެ އަހަރެއްގެ އަހަރީ އާއްމު ޖަލްސާގައި ފާހަގަކުރެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ