
ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައި އަނެއްކާވެސް ސްޓޭޓް މިނިސްޓަރަކު އައްޔަންކޮށްފި
ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައި އަނެއްކާވެސް ސްޓޭޓް މިނިސްޓަރަކު އައްޔަންކޮށްފި
ލިޔުން:
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި މުހައްމަދު ނިހާދު އައްޔަން ކުރައްވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ނިހާދަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އިދިކޮޅު މައި ޕާޓީ އެމްޑީޕީގައި ހުންނެވި ނިހާދު، ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ އާ ގުޅިވަޑައިގެންފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އޭނާ ވާދަކުރައްވާފައެއް ނުވެ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުން ދައްކާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީގައި ދެ ސްޓޭޓް މިނިސްޓަރަކު ތިއްބަވަ އެވެ. އެއީ ހާރިޒް މުހައްމަދާއި އަހުމަދު ނާޒިމް މުހައްމަދެވެ. ސްޓޭޓް މިނިސްޓަރަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 43،500 ރުފިޔާ ލިބެ އެވެ. އެއީ އަހަރަކަށް ބަލާނަމަ، 522،000 ރުފިޔާ އެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު 700 އިން ދަށުގައި ހިފެހެއްޓުމަކީ މި ސަރުކާރުގެ ވައުދަކަށްވާއިރު، އެ އަދަދު ގާތްގަނޑަކަށް 2،000 އާ ގާތްކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. މަގާމުތަކަށް އައްޔަންކޮށްފައިވާ މުވައްޒަފުންގެ އަދަދު ޔަގީންނުވާ މައްސަލާގައި އާންމުންގެ ފާޑުކިއުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު ރަސްމީކޮށް ހާމަކުރާނެ ކަމަށް ސަރުކާރުން ބުނަމުން އައި ނަމަވެސް މިހާތަނަށް އެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދާއި މުސާރައަށް ހޭދަކުރާ މިންވަރު ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލިހަށް އެމްޑީޕީން މިފަހުން ހުށަހެޅި މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.
ގައުމަށް ދިމާވެފައިވާ އިގުތިސޯދީ ހާލަތާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވާފައިވާއިރު، އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުން ވަނީ ހިމަނުއްވާފަ އެވެ. މަގާމުތަކުގެ އަދަދު މަދުކުރަނީ ސަރުކާރުގެ ރިކަރަންޓު ހަރަދު ކުޑަކުރުމުގެ ގޮތުންކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
