މާލެ: 31°C
ގައުމީ ގުރުއާން މުބާރާތް ނިމި މިމަހު 18 ގައި ނަތީޖާ ފާޅުކުރަނީ

ގައުމީ ގުރުއާން މުބާރާތް ނިމި މިމަހު 18 ގައި ނަތީޖާ ފާޅުކުރަނީ

July 8, 2024
2 ފަހަރު ބަލާފައި
ގައުމީ ގުރުއާން މުބާރާތް ނިމި މިމަހު 18 ގައި ނަތީޖާ ފާޅުކުރަނީ
ކީރިތި ގުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ކިޔެވުން ނިމިއްޖެއެވެ. މި މުބާރާތް މި އަހަރު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 29 އިން ފެށިގެން އިއްޔެގެ ނިޔަލަށެވެ. މި މުބާރާތުގައި ޖުމްލަ 992 ދަރިވަރުން ކިޔަވާފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބައިން 579 ދަރިވަރުންނާއި ނުބަލާ ކިޔެވުމުގެ ބައިން 413 ކުދިންނެވެ. އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ކީރިތި ގުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާފާޅުކުރުމުގެ ހަފްލާ އޮންނާނީ މި ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ރޭ ކަމަށެވެ. މި އަހަރުގެ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިގެ ކިޔެވުންތައް ކުރިއަށްގެންގޮސްފައިވަނޯ ސަލްމާން ރަސްގެފާނު މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިމްގައެވެ. އަދި ނުބަލާ ކިޔެވުމުގެ ބައިގެ ކިޔެވުންތައް ކުރިއަށް ގެންގޮސްފައިވަނީ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ. އަދި ކިޔެވުންތައް އަޑުއެހުމަށް އެ ހޯލްތަކަށް ދިޔުމުގެ ފުރުޞަތު އާންމުނަށް ވެސް ހުޅުވާލިއެވެ. މުބާރާތުގެ ކިޔެވުންތައް ކުރިއަށް ގެންގޮސްފައިވަނީ 3 ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 8:00 އިން 12:00، ހަވީރު 16:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:20 އަށެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މި މުބާރާތަކީ ގުރްއާން ކިޔެވުމަށް ލޯބިޖައްސައި، ގުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއި ދަރިވަރުންގެ މެދުގައި ބިނާކުރަނިވި ވާދަވެރިކަން އުފެއްދުމާއި، ގާރީންނާއި ހާފިޒުން އުފެއްދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުމާއެކު ކީރިތި ގުރްއާނަށާއި މާތް ނަބިއްޔާގެ ސުންނަތަށާއި މާތް ވެގެންވާ އިސްލާމްދީނަށް ލޯބިކުރާ ހެޔޮލަފާ ޖީލެއް ބިނާ ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މުބާރާތެއް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ