މާލެ: 31°C
މާލީ ހާލަތާ ގުޅޭގޮތުން ސުވާލުކުރުމަށް މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރު ހާޒިރުކުރަނީ

މާލީ ހާލަތާ ގުޅޭގޮތުން ސުވާލުކުރުމަށް މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރު ހާޒިރުކުރަނީ

July 7, 2024
2 ފަހަރު ބަލާފައި
މާލީ ހާލަތާ ގުޅޭގޮތުން ސުވާލުކުރުމަށް މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރު ހާޒިރުކުރަނީ
ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް މާލިއްޔަތު ކޮމީޓިއަށް ގަވަރުނަރު އަލީ ހާޝިމް ހާޒިރުކުރަން ނިންމައިފިއެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރުގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު އަދި އެސިސްޓެންޓް ގަވަރުނަރު އިދުހާމް ހުސެއިން ވެސް ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ. މި ބޭފުޅުން ހާޒިރުކުރާ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ 11:00 ގައެވެ. މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރު އަލީ ހާޝިމް ހާޒިރުކުރުމަށް ނިންމިއިރު، އެމަނިކުފާނު ހުންނެވީ ޗުއްޓީގައެވެ. ރާއްޖޭގެ އިޤްތިސާދީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތްކަމަށް ސަރުކާރުން ބުނާއިރު، މިހާލަތަށް އިގްތިސާދީ ހާލަތު ވެއްޓުނީ މިދިޔަ ސަރުކާރުން ގެންގުޅުނު ދޯހަޅި އިގްތިސާދީ ސިޔާސަތްތަކުގެ ސަބަބުންކަމަށް މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ. މާލިއްޔަތު ކޮމިޓީން މިހިނގާ ޖުލައިމަހު ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަޤާމުން އަލީ ހާޝިމް ވަކިކުރުމަށް ވަނީ ނިންމާފައެވެ.މި ބައްދަލުވުމުގައި މާލިއްޔަތު ކޮމީޓީން ވަނީ އަލީ ހާޝިމް މަޤާމުން ވަކިކުރުމަށް ނިންމާފައެވެ. ކޮމިޓީގައި ވާހަކަދައްކަވަމުން ދިއްގަރު ދާއިރާގެ މެމްބަރު ވިދާޅުވީ ގަވަރުނަރު މަޤާމުން ވަކިކުރުމަށް ނިންމީ އޭނާ މަޤާމުގެ ޒިންމާ އަދާނުކުރައްވާތީކަމަށް ފެންނާތީ ކަމަށެވެ. މިގޮތުން އެމްއެމްއޭގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޒިއްމާތައް ގަވަރުނަރުގެ ހައިސިއްޔަތުން އަދާކުރެވިފައިނެތްއިރު، މަނިޓަރީ ޕޮލިސީވެސް އެކަށީގެންވާ ގޮތެއްގައި ހިންގެވިފައިނެތްކަމަށް ނާޒިމް ވިދާޅުވިއެވެ. މިދިޔަ ފަސްއަހަރުދުވަހު މަރުކަޒީބޭންކުގެ ސިޔާސަތުތައް ހުރިގޮތުން ބޭންކުތަކުން އާއްމުނަށް ދޫކުރާ ލޯނުގެ އަދަދު ވަރަށްބޮޑަށް މަދުވެފައިވާކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ، އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދުގައި ދައުރުވަމުން އަންނަ ފައިސާގެ އަދަދުވެސް ވަރަށްބޮޑަށް ދަށަށްގޮސްފައިވާކަމަށެވެ. ގަވަރުނަރުކަމަށް އަލީ ހާޝިމް އައްޔަނުކުރައްވާފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އަލީ ހާޝިމް ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި މާލީ ވަޒީރުކަންވެސް ކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ