މާލެ: 31°C
ޝަމްނާޒު ހައްޔަރުކުރި މައްސަލައިގައި ރައީސް ޔާމީނުގެ އިނގިލި، ރައީސް މުއިއްޒުއަށް

ޝަމްނާޒު ހައްޔަރުކުރި މައްސަލައިގައި ރައީސް ޔާމީނުގެ އިނގިލި، ރައީސް މުއިއްޒުއަށް

July 5, 2024
2 ފަހަރު ބަލާފައި
ޝަމްނާޒު ހައްޔަރުކުރި މައްސަލައިގައި ރައީސް ޔާމީނުގެ އިނގިލި، ރައީސް މުއިއްޒުއަށް
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތުމަތު ޝަމްނާޒް ހައްޔަރުކުރީ ރައީސް ޑރ.މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ހިންގެވި ކޮރަޕްޝަނުގެ އަމަލުތައް ފަޅާއަރުވާލަފާނެތީކަމަށް ދޭހަވާ މޭރުމަކުން ކުރީގެ ރައީސް ޔާމިނު ވާހަކަދައްކަވައިފިއެވެ. ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)އިން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީނު ވަނީ ޝަމްނާޒުގެ މައްސަލާގައި ރައީސް ޑރ.މުއިއްޒުއަށް ތުހުމަތުތަކެއް ކުރައްވާފައެވެ. ރައީސް ޔާމީނު ނުސީދާކޮށް ވިދާޅުވެފައިވަނީ، ޝަމްނާޒު ހައްޔަރުކޮށްފައިވަނީ މޭޔަރުކަމުގައި ޑރ.މުއިއްޒު ހުންނެވިއިރު އެމަނިކުފާނު މާލެސިޓީ ކައުންސިލްގެ ތެރެއިން ހިންގެވި ކޮރަޕްޝަނުގެ އަމަލުތައް ހިމެނޭ "ޕެންޑްރައިވެއް" ހޯދުމަށްކަމަށްވުމަކީވެސް ވެދާނެ ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.،މުހައްމަދު މުއިއްޒުއަށް ސިހުރު ހެއްދެވިކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ ސަރކާރުގައި ހިމެނޭ އަރިސް ބޭފުޅަކު ހައްޔަރުކުރި ވާހަކަ ބައިނަލްއަޤްވާމީ މީޑިއާ ތަކުގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބުނު ކަމަށެވެ. މިގޮތުން ޗައިނާ، އަދި ރަޝިއާގެ މީޑިއާތަކުގައި މި ވާހަކަ ވަރަށް ރަނގަޅަށް ހިނގައިފިކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ރައީސް ޔާމިން ސިފަކުރެއްވި ގޮތުގައި މިއީ ޝަމްނާޒުގެ މައްސަލައަކީ ރައީސްގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައަކަށް ނުވިނަމަވެސް މިކަމުގައި ރައީސްގެ ވހަކަ އަންނަނީ އެމަނިކުފާނު މިކަމުގެ ތެރޭގައި ހިމެނޭތީ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ. ބަންދުގެ މުއްދަތު ހަމަވާތީ ކުރިމިނަލް ކޯޓުން ވަނީ އެމީހުން ކޯޓަށް ހާޒިރުކޮށް، ބަންދުގެ މުއްދަތަށް އިތުރު 7 ދުވަސް ޖަހައިދީފައެވެ. ރައީސަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒް ވަނީ މަޤާމުން ސަސްޕެންޑުވެސް ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަ މި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. ޝަމްނާޒަކީ ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އާދަމް ރަމީޒުއާއި ޝަމްނާޒު ވަރިވީ މިހިނގާ ޖޫން މަހުކަމަށް މައުލޫމާތު ލިބެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ