ފަލަސްތީނުގެ ތާރީހާ ގުޅޭ ފޯރަމެއް މިރޭ ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ "ފަލަސްތީނާއި އުއްމަތުގެ އެއްބައިވަންތަކަން" ގެ ނަމުގައި ބާއްވާ އެ ފޯރަމަކީ އެ މިނިސްޓްރީ އާއި އިސްރާ އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
މި ފޯރަމް އޮންނާނީ މިރޭ 8:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
https://twitter.com/MVIaffairs/status/1808446921096527875 އެގޮތުން، މި ފޯރަމްގައި ވާހަކަ ދައްކަން ހަމަޖެހިފައިވަނީ ދީނީ އިލްމުވެރިޔާ ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާނާއި ޑރ. އަބްދުލްހައްނާން ވަހީދެވެ. ފަލަސްތީނުގައި ހާލުޖެހިފައި ތިބި މީހުންނަށް އެހީވުމަށްޓަކައި ސަރުކާރުން އިސްނަގައިގެން އަންނަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. މި ފަހުން ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ މީޑިއާއާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް "ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ކުރިއަށްގެންދިޔަ ޓެލެތޯންއިން ވަނީ 19.1 މިލިއަން ރުފިޔާ ހޯދާފައެވެ. އޭގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޒަކާތު ފަންޑުން 100،000 ޑޮލަރު ދޭން ނިންމާފައިވާއިރު، ފަލަސްތީނަށް އެހީވާ އދ. ގެ ފަންޑަށް ރާއްޖެއިން ކޮންމެ އަހަރަކު ދޭ އެހީ 5،000 ޑޮލަރުން 50،000 ޑޮލަރަށް ވެސް މިހާރު ވަނީ މަތިކޮށްފައެވެ.






