މާލެ: 31°C
ހުޅުމާލެގައި ނުރައްކާތެރި ދެ އެކްސިޑެންޓް، އެކަކުގެ ހާލު ސީރިއަސް

ހުޅުމާލެގައި ނުރައްކާތެރި ދެ އެކްސިޑެންޓް، އެކަކުގެ ހާލު ސީރިއަސް

July 3, 2024
2 ފަހަރު ބަލާފައި
ހުޅުމާލެގައި ނުރައްކާތެރި ދެ އެކްސިޑެންޓް، އެކަކުގެ ހާލު ސީރިއަސް
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި ދެ އެކްސިޑެންޓް ހިނގައި އަނިޔާވި މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެ، ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނީ މިއަދު ފުރަތަމަ އެކްސިޑެންޓް ހިނގީ ހެނދުނު 8:13 ހާއިރު ހިޔާ ފްލެޓްގެ ފަސްވަނަ ޓަވަރު ކައިރިން ކަމަށެވެ. މި އެކްސިޑެންޓް ހިނގީ އެ ޓަވަރު ކައިރިން ކާރަކާއި ސައިކަލެއް ޖެހި ސައިކަލް ކޮންޓްރޯލް ނުވެ ގޮސް އެހެން ކާރެއްގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި 19 އަހަރުގެ ޒުވާނާ ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށާއި އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު، ހާލު ސީރިއަސް ކަމަށެވެ. އެއީ ލައިސެންސް ނެތް މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ވަރަށް ގިނަ އަދަދަކަށް ލޭ ހުރި މަންޒަރު މިނިވަންގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. މަންޒަރުދުށް މީހަކު މިނިވަންއާ ވާހަކަދައްކަމުން ބުނީ އެކްސިޑެންޓްގައި އަނިޔާލިބުނު ކުއްޖާގެ ބޮލަށް ވަރަށްބޮޑަށް އަނިޔާވެފައިވާކަމަށެވެ. ދެވަނަ ފިޔަވަހީގައި މިއަދު ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ ހެނދުނު 9:45 ހާއިރު އަހިވާގޮފި ކައިރީގައި ދެ ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، ފުލުހުން ބުނީ އެ އެކްސިޑެންޓްގައި ސައިކަލު ދުއްވި ދެ މީހުނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ. އެތަނުން އެއް ސައިކަލު ދުއްވީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ވެސް ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ފުލުހުން ބުނީ އަނެއް ސައިކަލު ދުއްވި 33 އަހަރުގެ ދިވެހި އަންހެން މިހާގެ އަތުގައި ލައިސެންސް އޮތް ކަމަށެވެ. މި ދެ މައްސަލަ ވެސް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ