މާލެ: 31°C
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވާތީ ނާޒިމްގެ ކަންބޮޑުވުން، ނާޒިމް ހަނދާންކޮށްދެއްވީ ހަމައިސްކޮޅު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވާތީ ނާޒިމްގެ ކަންބޮޑުވުން، ނާޒިމް ހަނދާންކޮށްދެއްވީ ހަމައިސްކޮޅު

July 2, 2024
2 ފަހަރު ބަލާފައި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވާތީ ނާޒިމްގެ ކަންބޮޑުވުން، ނާޒިމް ހަނދާންކޮށްދެއްވީ ހަމައިސްކޮޅު
ހަމަ އިސްކޮޅު ގަބޫލުކޮށް، ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު އެއްހަމައެއްގައި ހިފެހެއްޓުމުގެ މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ގޮވާލައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިޔަށް ގެންދިޔައީ، މެންބަރުންގެ އަދަދު މަދުކުރަން ހިޔާލު ހޯދަން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސެވެ. ޝުޖާއު ހުށަހެޅުއްވީ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުން ދިއުމާ މެދު މެންބަރުންގެ ވިސްނުން ހުރި ގޮތެއް ދެނެގަތުމަށެވެ. ނާޒިމް ވިދާޅުވީ ދައުރަކަށް ފަހު ދައުރެއްގައި މަޖިލީހުގެ ގޮނޑީގެ އަދަދު އިތުރުވަމުން ދަނީ ގާނޫނުއަސާސީ ވުޖޫދު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަ، ހާއްސަ މަޖިލީހުގައި އޭރު ބަހުސްތައް ކުރެވުނު ގޮތަކަށް ނޫންކަމަށެވެ. ގާނޫނު މިހާރު އޮތް ގޮތަށް ކުރިޔަށް ގޮސްގެން ކުރިޔަށް އޮތް ދައުރުގައި މަޖިލީހަށް 108 ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރަން ޖެހޭއިރު 2034 ގައި 115 ގޮނޑިއަށް އިތުރުވެގެން ދާނެކަމަށެވެ. ރާއްޖޭގެ ގާނޫނުތައް މިހާރު އޮތް ގޮތުން، ކޮންމެ އިދާރީ ދާއިރާއެއްގައި ރެޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި އިދާރީ ދާއިރާއެއްގައި ރެޖިސްޓްރީކޮށްފައިވާ އާބާދީގެ 5000 އަށް ވުރެ އިތުރު ނުވާނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެ އެވެ. ގާނޫނުގެ އެ މާއްދާ ފާހަގަކޮށް ނާޒިމް ވިދާޅުވީ، މި އުސޫލުން ކޮންމެ ދައުރަކަށް ވެސް މަޖިލީހަށް ދާނީ މެމްބަރުން އިތުރުވަމުން ކަމަށެވެ. އެހެން ކަމުން އެހެން ގައުމުތަކުގައި ވެސް ގެންގުޅޭ އުސޫލާއި މެތަޑްތަކަށް ބަލައި ރާއްޖޭގައި ވަކި ގޮތެއް ކަނޑައަޅަން ޖެހޭކަމަށް ނާޒިމް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި ބޭނުން ކުރަނީ، “ކިއުބް ރޫޓް ރިލޭޝަންޝިޕް” ފޯމިއުލާކަމަށެވެ. އަދި އެއަށް ރާއްޖޭގައި އަމަލު ކުރަން ފަށާ ހާލަތެއްގައި، ބޯހިމެނުމުގެ ނަތީޖާއަށް ބަލައި އާބާދީއަށް ރިއާޔަތް ކުރުމުން ރާއްޖޭގައި ތިބޭނީ 74 މެމްބަރުންކަމަށް ވިދާޅުވި އެވެ. ދެވަނަ ހާލަތެއްކަމަށް ނާޒިމް ފާހަގަކުރެއްވީ، ގައުމުގެ އާބާދީގެ މަސައްކަތް ކުރާ އާބާދީއަށް ބަލައި، އެކްޓިވް އާބާދީއަށެވެ. އެ އުސޫލުން ބަލާއިރު، އެއީ 80 ގޮނޑިކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެންވެ ނާޒިމް ތާއީދު ކުރެއްވީ، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ބަލައި ރާއްޖޭގެ ޖުމްލަ ގޮނޑީގެ އަދަދު 73 – 80 ދެމެދު ހުންނަ ގޮތަށެވެ. ނާޒިމް ވިދާޅުވީ ގާނޫނަށް ބަދަލު ގެނެސްގެން، މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވަމުން އައުން ނިމުމަކަކަށް ގެނެވެން އެބައޮތްކަމަށާއި، އޭގެ ތެރޭގައި ގާނޫނުގައި އޮތް އިދާރީ ދާއިރާތަކަށް  5000 މެމްބަރުންކަމަށް ބުނާ މާއްދާ، 10،000 އަށް ބަދަލު ކުރުން ހިމެނޭކަމަށެވެ. ނާޒިމް ވިދާޅުވީ މީގެ ސަބަބުން، މެމްބަރުންގެ އަދަދު 70 ގެ އަދަދެއްގައި ހިފެހެއްޓޭނެކަމަށެވެ. މީގެއިތުރުން ނާޒިމް ވަނީ ކައުންސިލްތަކާއި، މިނިވަން މުވައްސަސާތައް ވެސް ހަމަ އެ އުސޫލުގެ ތެރެއިން އަތްފޯރާ ފަށަށް ގެނައުމަށް ގޮވާލާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ތިން ދައުރަށް ބަލާއިރު 18 ވަނަ މަޖިލީހުގައި 85 މެންބަރުން، އަދި މިދިޔަ ދައުރުގައި 87 މެމްބަރުން ތިއްބެވި އެވެ. އެއަށް ފަހު މި ދައުރުގައި އެ އަދަދު ވަނީ 93 އަކަށް އިތުރުވެފަ އެވެ. ގާނޫނުއަސާސީ މިހާރު އޮތް ގޮތުން، ދެން އޮންނަ މަޖިލިސް އިންތިހާބަކަށް 100 ގޮނޑިއަށް އިއުލާނު ކުރާނެކަމަށް ބެލެވެ އެވެ.

މެންބަރުންގެ އަދަދު އިތުރުވާ އިރު ދައުލަތުގެ ބަޖެޓުން ކޮންމެ މެންބަރެއްގެ މުސާރަ އަށް މަހަކު 82،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ