މާލެ: 31°C
ގަވަރުނަރު ހާޝިމް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

ގަވަރުނަރު ހާޝިމް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

July 2, 2024
2 ފަހަރު ބަލާފައި
ގަވަރުނަރު ހާޝިމް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ. އެމްއެމްއޭގެ ގާނޫނުގައި ބުނާ ގޮތުން އެ އޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު އައްޔަންކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަޝްވަރާ ދިނުމާގުޅޭގޮތުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ފޮނުވި ސިޓީ އިއްވާފައެވެ. ގަވަރުނަރު އަލީ ހާޝިމް ޒިންމާއަދާނުކުރާ ކަމަށް ވިދާޅުވެ، އެ މަގާމުން ވަކިކުރުމުގެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްއެވެ. މާލިއްޔަތު ކޮމެޓީން ވަނީ އަލީ ހާޝިމް ވަކި ކުރުމުގެ މަސައްކަތް ފަށަން ފެންނަ ކަމަށް ނިންމާ މަޖިލީސްގެ ތަޅުމަށް ހުށަހަޅަން އިއްޔެ ފާސްކޮށްފައެވެ. މަލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ފިޔަވާ އެންމެން ވޯޓު ދީފައި ވަނީ މިގޮތަށެވެ. މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި މި މައްސަލަ އޮތްއިރު، އަމީން އާއްމު ފާތިމަތު ނިއުޝާ ވަނީ މާލިއްޔަތު ކޮމެޓީން ފޮނުވި ސިޓީ މަޖިލީހަށް އިއްވަވާފައެވެ. އަދި މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވަނީ މި މައްސަލަ ދިރާސާ ކުރަން މާލިއްޔަތު ކޮމެޓީއަށް ފޮނުއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިމައްސަލަ އިއްވާފައިވާއިރު، މައްސަލައިގައި ބުނެފައިވަނީ ގައުމުގެ ފިސްކަލް ހާލަތު ރަނގަޅުކުރުމަށްޓަކައި އިކޮނޮމިކް ރިފޯމް އެޖެންޑާއެއް އެކުލަވާލާ، އެކަމަށް ބޭނުންވާ ޤާނޫނުތައް ތައާރަފްކޮށް އާ ސިޔާސަތުތައް ތަންފީޒުކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް ގައުމުގެ އިގްތިސާދު ހީނަރުވެ އިޔާދަކުރަން ދަތިވާ ހިސާބަށް އިގްތިސާދުގެ ހާލަތު ދިޔައިރު އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރެވިފައި ނެތްކަމަށެވެ. އަދި އެމްއެމްއޭގެ މައިގަނޑު އެއް އަސާސްކަމަށްވާ މަނިޓަރީ ޕޮލިސީ އެންމެ އެކަށޭނަ ގޮތުގައި ހިންގަމުން ނުދާ ކަމަށެވެ. ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ލަފާ ދޭން ޕީއެންސީގެ ސާފު އަގުލަބިއްޔަތު އޮތް މަޖިލީހުން ފާސްކޮށްފައި މިވަނީ އޭނާ މަގާމުގެ ޒިންމާ ރަނގަޅަށް އަދާކުރައްވަމުން ނުގެންދަވާ ކަމަށް ޕީއެންސީއާއި އެމްޑީއޭގެ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގައި އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. އެ މަގާމަށް ހާޝިމް އައްޔަންކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސެޕްޓެމްބަރު 8، 2019 ގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ