މާލެ: 31°C
މަސްވެރިންނަށް ފައިސާ ޖަމާކުރަން ފަށައިފި

މަސްވެރިންނަށް ފައިސާ ޖަމާކުރަން ފަށައިފި

July 1, 2024
3 ފަހަރު ބަލާފައި
މަސްވެރިންނަށް ފައިސާ ޖަމާކުރަން ފަށައިފި
މިފްކޯއަށް މަސްކިރުވާފައި މިހާތަނަށް ފައިސާ ނުލިބިވާ ފަރާތްތަކަށް ފައިސާ ދޫކުރަން ފަށައިފިއެވެ. ސަރުކާރުގެ މަސްކުންފުނިން ބުނީ، މަސްވެރިންނަށް މިހާތަނަށް ނުދީހުރި 53 މިލިއަން ރުފިޔާ ދޫކުރަން ފަށާފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ މިދިޔަ ހަފްތާގެ ބްރާސްފަތި ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯއިން ވަނީ އެކުންފުންޏަށް މިހާތަނަށް މަސްގަންނަމުން އައި އުސޫލު ބަދަލުކޮށް، މިއަދުން ފެށިގެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތައް ހުންނަގޮތުގެ މައްޗަށް ބެލުމަށްފަހު މަސްވެރިންގެ އަތުން މަސްގަންނަގޮތަށް ނިންމާފައެވެ. މިގޮތުން މަސްވެރިންގެ އަތުން ދެން މަސް ގަންނާނީ ބައިނަލްއަޤްވާމީ މާރުކޭޓުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގުތައް ހުރިގޮތަށާއި މަހުގެ ބާވަތްތައް ބޭރުކުރުމުގައި ހިނގާނޭ ހަރަދުތަކުގެ މައްޗަށްވެސް ރިޔާއަތްކުރާނޭކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މިހާރު އޮތްގޮތުން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މަސް ގަންނާނޭ އެންމެ ބޮޑު އަގަކީ ކިލޯއަކަށް 16 ރުފިޔާއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުންކަމަށެވެ. އިގްތިސާދީ ހާލަތު އޮތްގޮތުން މިހާރު އެގޮތަށް ކަންކުރެވެން ނެތްނަމަވެސް، މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރުން ގެނައުމަށް ނިންމާފައިވާ ބަދަލުތަކާއެކު، އިތުރު މަސް ކާރުޚާނާތައް ތަރައްޤީކޮށް ކުރިއަށްމިއޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި 48 ގަޑިއިރުތެރޭގައި މަސްވެރިންގެ އަތުން މަސްގަތުމަށްފަހު ފައިސާ ދޫކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް މިއަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ