މާލެ: 31°C
ޝަމްނާޒު އާއި އޭނާގެ ކޮއްކޮގެ ބަންދަށް އިތުރު 7 ދުވަސް ޖަހައިފި

ޝަމްނާޒު އާއި އޭނާގެ ކޮއްކޮގެ ބަންދަށް އިތުރު 7 ދުވަސް ޖަހައިފި

July 1, 2024
2 ފަހަރު ބަލާފައި
ޝަމްނާޒު އާއި އޭނާގެ ކޮއްކޮގެ ބަންދަށް އިތުރު 7 ދުވަސް ޖަހައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތުމަތު ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ސަނާ ސަލީމްގެ ބަންދަށް އިތުރު 7 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ. ބަންދުގެ މުއްދަތު ހަމަވާތީ ކުރިމިނަލް ކޯޓުން މިއަދު ވަނީ އެމީހުން ކޯޓަށް ހާޒިރުކޮށް، ބަންދުގެ މުއްދަތަށް އިތުރު 7 ދުވަސް ޖަހައިދީފައެވެ. ރައީސަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒް ވަނީ މަޤާމުން ސަސްޕެންޑުވެސް ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަ މި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. ޝަމްނާޒަކީ ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އާދަމް ރަމީޒުއާއި ޝަމްނާޒު ވަރިވީ މިހިނގާ ޖޫން މަހުކަމަށް މައުލޫމާތު ލިބެ އެވެ.

ޝަމްނާޒު ހައްޔަރު ކުރުމުގެ ކުރިން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައި ވެއެވެ. އަދި އެގެއިން ބައެއް ސާމާނު ފުލުހުންނަށް ފެނުނުކަމަށްވެސް ވަނީ އެނގިފަ އެވެ.

އާދަމް ރަމީޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ވަރަށް އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް ސަރުކާރުގެ މަސައްކަތްތަކުގެ ކުރީ ސަފުން އާދަމް ރަމީޒު ނުފެންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

އާދަމް ރަމީޒު މަސައްކަތްތަކުން އެކަހެރި ކުރިކަމަށް އަޑު ފެތުރުނު ނަމަވެސް ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ މިމައުލޫމާތު ދޮގުކޮށްފަ އެވެ.

ޝަމްނާޒު ސިހުރު ހެދިކަމަށް ވާހަކަ ދެކެވޭއިރު އޭނާ ސިހުރު ހެދީ ރައީސް މުއިއްޒު އާއި ގާތް ވާންކަމަށް ވަނީ އެނގިފަ އެވެ. އެހެންނަމަވެސް މީގެ މާ ބޮޑު ތަފްސީލެއް އަދި ނޭނގެ އެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ