މާލެ: 31°C
ކޯރާޑިން މާރާމާރީ ހިންގި މީހުން ސަލާމަތްވީ ދައުލަތުން ވީޑިއޯ ފުޓޭޖް ހުށަނޭޅުމުން

ކޯރާޑިން މާރާމާރީ ހިންގި މީހުން ސަލާމަތްވީ ދައުލަތުން ވީޑިއޯ ފުޓޭޖް ހުށަނޭޅުމުން

July 1, 2024
2 ފަހަރު ބަލާފައި
ކޯރާޑިން މާރާމާރީ ހިންގި މީހުން ސަލާމަތްވީ ދައުލަތުން ވީޑިއޯ ފުޓޭޖް ހުށަނޭޅުމުން
މީގެ ހަ އަހަރު ކުރިން ގުރޫޕަކުން ކެފޭއެއްގެ ތެރޭގައި މީހަކަށް ކޯރާޑީއަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގެ ކުށް ސާބިތު ކުރުމަށް ބޭނުންވާ ވީޑިއޯ ފުޓޭޖެއް ހުށަހެޅިފައި ނުވަނީ އެ އަހަރުގެ ބައެއް ޑޭޓާ ބޭސް ގެއްލުމުގެ ސަބަބުން ތޯ ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
މިއީ 2017، ނޮވެމްބަރ 29 ވަނަ ދުވަހުގެ ރޭގަނޑު މާލޭގެ ސިއްކަ ގޮޅީގައި ހުންނަ އޭރުގެ ޖީސިކްސް ކެފޭތެރޭގައި ފުވައްމުލަކު، މާލެގަން އަރޭގެދަރު ހުސެއިން ހިމްޔާނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލަ އެވެ. މައްސަލައިގައި ހައްޔަރު ކުރި މުހައްމަދު ނާޖިހުއާއި، މުހައްމަދު ނައްސާރުގެ މައްޗަށް އުފުލީ މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއާއި މަގުބޫލު އުޒުރެއް ނެތި އާންމުތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. އަދި ހާފިޒު ހަސަންގެ މައްޗަށް ވަނީ މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ މައްސަލައިގެ އެންމެ މުހިންމު އެއް ހެއްކަކީ އެ ސަރަހައްދުގައި ހުރި ފުލުހުންގެ ކެމެރާތަކުގެ ވީޑިއޯ ފުޓޭޖުކަމަށެވެ. މި ފުޓޭޖުތަކުން ހަމަލާ ދިނުމަށް ފަހު އެތަނަށް މީހުން ދިޔަ މަންޒަރާއި، ހަމަލާ ދިނުމަށް ފަހު ހަތިޔަރު ހިފައިގެންއެތަނުން ނިކުތް މަންޒަރު ވެސް ފެންނަކަމަށް ހުކުމުގައި ވެއެވެ. ފުލުހުން ހުށަހެޅި ރިޕޯޓުގައި ވަނީ ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެ ވީޑިއޯ ފުޓޭޖުތައް ގެއްލިފައިވާކަމަށެވެ. ވީޑިއޯ ކޮމްޕެރިޒަން ހަދާފައި ނުވުމާއި، އެކި ފަހަރު މަތިން ދިން ފުރުސަތުގައި ވެސް ސިއްރު ހެކިން ކޯޓަށް ހާޒިރު ކުރެވިފައި ނުވާތީ އެ އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ހުކުމްއައީ އެވެ. ކުށް ސާބިތުނުވެ މައްސަލަ ބޭރުވިކަން މީޑިއާތަކުން ރިޕޯޓު ކުރުމުން ޝިފާން ވިދާޅުވީ، 2017 ވަނަ އަހަރު ފުލުހުންގެ ސްޓްރޭޖު ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން ޑާޓާތައް ގެއްލުނު ކަމަށެވެ. އަދި އޭރު ހިނގި ހާދިސާގައި ގެއްލުނު ޑާޓާތަކާއި ޝަރީއަތުން މީހުން ދޫވުމުގައި ފާހަގަކުރާ ވީޑިއޯ ފުޓޭޖާއި ގުޅުމެއް ވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝިފާން ވިދާޅުވި އެވެ. ޝިފާން ވިދާޅުވި ގޮތުގައި އޭރު ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށް، ބައެއް ކްރިޓިކަލް މައުލޫމާތު ހުރި ޑާޓާތައް ރިކަވަރ ކުރެވުނެވެ. ޝަރީއަތަށް ކުށް ސާބިތު ކުރުމަށް ހުށަހަޅާ ހެކިތަކުގެ ތެރެއިން، އެ ވީޑިއޯ ހުށަނޭޅުނު ސަބަބެއްކަމަށް ފުލުހުން ބުނެފައި ވަނީ އޭރު ހާދިސާ ހިނގި ދުވަސްވަރުގެ ތެރޭގައި ސާވާ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި ފުލުހުންގެ އެއްވެސް ކެމެރާއެއްގެ ފުޓޭޖު ނުލިބުމެވެ. ފުޓޭޖުގެ ބެކަޕަށް ބޮޑު ހޭދައެއް ދާނެކަމަށް ފުލުހުންގެ ޓެކްނޮލޮޖީ ޑިޕާޓްމަންޓާއި ހަވާލާދީ އެ މުވައްސަސާއިން ބުނީ ހައްޔަރުގައި ތިބި އެއްވެސް މީހެއްގެ ވީޑިއޯ ކޮމްޕެރިޒަން ހެދިފައި ނުވާކަމަށެވެ. ކުށް ސާބިތު ނުވެ މާރާމާރީގައި ބައިވެރިވިކަމަށް ތުހުމަތުވާ މީހުން ސަލާމަތްވި މި މައްސަލައަކީ، އޭރު މާލޭގެ ތެރޭގައި ހިނގި ސިލްސިލާ މާރާމާރީތަކުން މާރާމާރީއެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ