މާލެ: 31°C
މިފްކޯއިން މަސްގަންނަ އަގު ފްލޯޓްކޮށްލައިފި، 'މާދަމާއިން ފެށިގެން މަސްގަންނާނީ 16 ރުފިޔާއަށް

މިފްކޯއިން މަސްގަންނަ އަގު ފްލޯޓްކޮށްލައިފި، 'މާދަމާއިން ފެށިގެން މަސްގަންނާނީ 16 ރުފިޔާއަށް

June 30, 2024
2 ފަހަރު ބަލާފައި
މިފްކޯއިން މަސްގަންނަ އަގު ފްލޯޓްކޮށްލައިފި، 'މާދަމާއިން ފެށިގެން މަސްގަންނާނީ 16 ރުފިޔާއަށް
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް މަސް ގަންނަ އަގު ކޮންމެ ހަފްތާއަކު ކަނޑައަޅާ ގޮތަށް ނިންމާ، މަސްވެރިންނަށް ނުދެވިހުރި ފައިސާ މާދަމާ ދޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ. މިފްކޯއިން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނީ ބައިނަލްއަގްވާމީ ބާޒާރުގައި މަސްވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ހަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށެވެ. އެ ކުންފުނިން ބުނީ މާދަމާ ދޫކުރާ ފައިސާ ހިމަނައިގެން މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާނެ ކަމަށެވެ. މީގެ އިތުރުން، މިފްކޯއަށް ލިބިފައިވާ އާމްދަނީއިން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް މިފްކޯއިން ބުންޏެވެ. އެގޮތުން ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު ވާނީ މަސް ދޯނިފަހަރަށް ދޫކުރެވިފައި ކަަމަށް މިފްކޯއިން ބުންޏެވެ. މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށް އެ ކުންފުނިން ބުންޏެވެ. "އެހެންކަމުން އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މާދަމާ ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަމުންދާނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގައްގައެވެ. މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް މިފްކޯއިން އިއުލާންކުރަމުން ގެންދާނެއެވެ" މިފްކޯގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރުގޮތް ގޮތް ބަލައި، ހަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާއި ގުޅޭ ވުޒާރާތަކާއި ގުޅިގެން އަޅަމުންދާނެ ކަމަށެވެ އެކަމުގެ ތަފްސީލުތައް ގަވާއިދުން ހިއްސާކުރަމުންދާނެ ކަމަށްވެސް ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ