މާލެ: 31°C
ދަރިފުޅަށް ގާތުންދޭން ފުރުސަތު ނުދޭކަމުގެ ޝަކުވާ، ފުލުހުން އެކަން ދޮގުކުރޭ!

ދަރިފުޅަށް ގާތުންދޭން ފުރުސަތު ނުދޭކަމުގެ ޝަކުވާ، ފުލުހުން އެކަން ދޮގުކުރޭ!

June 29, 2024
2 ފަހަރު ބަލާފައި
ދަރިފުޅަށް ގާތުންދޭން ފުރުސަތު ނުދޭކަމުގެ ޝަކުވާ، ފުލުހުން އެކަން ދޮގުކުރޭ!

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒު އަލީގެ ދަރިފުޅަށް ގާތުން ދެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް އެދުމުން އެކަން ކުރަން ފުލުހުން ދެކޮޅު ހެދި ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަ ކަމަށް އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވެއްޖެ.

ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކުރި އިރު ގާތުން ދޭ އެއް އަހަރާއި ފަސް މަހުގެ ކުއްޖަކު ހުރެއެވެ. ދަރިފުޅަށް ގާތުން ދެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް ކޯޓުގައްޔާއި ފުލުސް އޮފީހަށް ވެސް ގޮސް އެދިފައިވާ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ފުލުހުން ފަހިކޮށްދީފައި ނުވާ ކަމަށް އާއިލާއިން ބުނެއެވެ. މިކަމާއި ގުޅިގެން ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ހަޤީގަތާއި ޚިލާފު މަޢުލޫމާތެއް ކަމަށާއި ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ހައްގުތައް އަބަދުވެސް އުސޫލުތަކުގައި ވާގޮތަށް އެފަރާތްތަކަށް ޔަޤީންކޮށްދޭ ކަމަށެވެ. ހަމައެގޮތައް އެކަންވެސް (ގާތުން ދިނުން) ހަމަޖެހިފައިވާނެކަން އެނގިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

ސިހުރުގެ މައްސަލާގައި ހުޅުމާލެ މެޖިސްޓްރޭޓު ކޯޓަށް ހާޒިރުކޮށް ޝަމްނާޒު 7 ދުވަހަށް ބަންދު ކުރަން ވަނީ ކޯޓުން އަމުރުކޮށްފައެވެ.

ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އާދަމް ރަމީޒުއާއި ޝަމްނާޒު ވަރިވީ މިހިނގާ ޖޫން މަހުކަމަށް މައުލޫމާތު ލިބެއެވެ.

ޝަމްނާޒު ހައްޔަރު ކުރުމުގެ ކުރިން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވެއެވެ. އަދި އެގެއިން ބައެއް ސާމާނު ފުލުހުންނަށް ފެނުނުކަމަށްވެސް ވަނީ އެނގިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ