މާލެ: 31°C
ރާއްޖޭގެ ހާލަތު މިހިސާބަށް ވެއްޓުނީ ފާއިތުވި 10 އަހަރުގެ ދަރަނީގެ ސަބަބުން: ވޯލްޑް ބޭންކް

ރާއްޖޭގެ ހާލަތު މިހިސާބަށް ވެއްޓުނީ ފާއިތުވި 10 އަހަރުގެ ދަރަނީގެ ސަބަބުން: ވޯލްޑް ބޭންކް

June 27, 2024
2 ފަހަރު ބަލާފައި
ރާއްޖޭގެ ހާލަތު މިހިސާބަށް ވެއްޓުނީ ފާއިތުވި 10 އަހަރުގެ ދަރަނީގެ ސަބަބުން: ވޯލްޑް ބޭންކް
ރާއްޖޭގެ އިޤްތިސާދު މި ހާލަތަށް ވެއްޓުނީ ފާއިތުވި 10 އަހަރު ސަރުކާރުތަކުން ނެގި ދަރަނީގެ ސަބަބުން ކަމަށް ވޯލްޑް ބޭންކްއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާޝް ވިދާޅުވެއްޖެ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަތާޝް ވިދާޅުވީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ނާޒުކު ހާލަތަކީ މިދިޔަ 10 އަހަރު ތެރޭގައި ދަރަނި ފުނިޖެހުމުގެ އިތުރުން، ހަމަ އެ މުއްދަތުގައި މެދުނުކެނޑި ފިސްކަލް އާއި ކަރަންޓް އެކައުންޓް ޑެފިސިޓްތައް މަތިވުމުގެ ނަތީޖާ ކަމަށެވެ. އިގްތިސާދީ ކުރިއެރުމެއް އައިސްގެން ނުވަތަ އިތުރު ފައިނޭންސިން އެއް ދީގެން މި މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް އަތާޝް ވިދާޅުވި އެވެ. އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ހަރަދު ކުޑަކޮށްގެން ފިސްކަލް އަދި ކަރަންޓް އެކައުންޓް ދަށް ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. މިގޮތަށް ކަންތައް ކުރުމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިޒާވަށް ސަޕޯޓް ލިބި މީޑިއަމް ޓާމްގަައި ދަރަނީގެ ހާލަތު ހަމައަކަށް އެޅޭނެ ކަމަށް އަތާޝް ލަފާދެއްވާފައި ވެއެވެ. ފިސްކަލް ރިފޯމްއަކީ މިވަގުތު ރާއްޖެެއަށް އޮތް އިހްތިޔާރެއް ނޫން ކަމަށާއި މިއީ ރާއްޖެއަށް މިވަގުތު މުހިންމު ފިޔަވަޅެއްކަން އަތާޝް ފާހަގަކުރެއްވި އެވެ. ރާއްޖެ އިން ފާއިތުވި އަހަރުތަކުގައި ކުރާ ހަރަދުތައް ފައިނޭންސް ކުރުމަށް ބައިލެޓަރަލް ސަޕޯޓުގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ބޭނުންވި އެވެ. ނަމަވެސް އަހަރުތަކުގެ ތެރޭގައި ހަރަދުތައް ބޮޑުތަނުން އިތުރުވުމުން ރާއްޖެ ވަނީ އެތައް މިލިއަން ޑޮލަރަކުން މިހާރު ނުފުދޭ ހިސާބަށް ގޮސްފައި ކަމަށް އަތާޝް ވިދާޅުވެފައި ވެއެވެ. މީގެ އިތުރަށްވެސް ވޯލްޑް ބޭންކްއިން ވަނީ އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް ރާއްޖެއިން އަވަސްކޮށް، ސަބްސިޑީ ނިޒާމާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހު ކުރުމަށް ގޮވާލާފަ އެވެ. އަދި މަޝްރޫއުތައް ހިންގުމަށް ކުރާ ހަރަދުތައް ވީއެންމެ އަވަހަށް މުރާޖައާ ކުރުމަށް ވޯލްޑް ބޭންކްއިން ލަފާދީފައި ވެއެވެ. ސަރުކާރުގެ އިސްލާހީ އެޖެންޑާއާއި ރާއްޖޭގެ ތަރައްގީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ބޭންކުގެ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެކަަމަށް ވާލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު، ފާރިސް ހަދާދު-ޒާވޯސް ދާދި ފަހުން ވިދާޅުވެފައި ވެއެވެ. ފާރިސް މިގޮތަށް ވިދާޅުވީ މިނިސްޓަރ އޮފް ފިނޭންސް ޑރ. މުހައްމަދު ޝަފީގްގެ އަރިހަށް ކުރެއްވި ޒިޔާރަތެއްގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ