މާލެ: 31°C
ނިހާދު ވިދާޅުވީ އެމްޑީޕީން އުޅުނީ މަޖިލިސް ތެރެއިން ރައީސް މުޢިއްޒުގެ ވެރިކަންވައްޓާލަން ކަމަށް

ނިހާދު ވިދާޅުވީ އެމްޑީޕީން އުޅުނީ މަޖިލިސް ތެރެއިން ރައީސް މުޢިއްޒުގެ ވެރިކަންވައްޓާލަން ކަމަށް

June 27, 2024
2 ފަހަރު ބަލާފައި
ނިހާދު ވިދާޅުވީ އެމްޑީޕީން އުޅުނީ މަޖިލިސް ތެރެއިން ރައީސް މުޢިއްޒުގެ ވެރިކަންވައްޓާލަން ކަމަށް
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު، އެމްޑީޕީއަށް ގެއްލި ނާކާމިޔާބުވުމުން އެ ޕާޓީ ބޭނުންވީ ސަރުކާރަށް ޖެއްސުންކޮށް ވެރިކަން މަޖިލީހުގެ ތެރެއިން ވައްޓާލުމަށްކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވި އިރު، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނިހާދަކީ އައު ސަރުކާރަށް އޭރު ފާޑުވެސް ވިދާޅުވި މެމްބަރެކެވެ. އެކަމަކު ސަރުކާރަށް މާ ގިނަ ދުވަހެއް ނުވެ، ޕީއެންސީއަށް ސޮއި ކުރައްވައި ނިހާދު ވިދާޅުވީ ސަރުކާރަށް ގުޅެން ނިންމި ސަބަބަކީ، ރައްޔިތުންގެ ބޮޑު ތާއީދަކާއި އަޣުލަބިއްޔަތަކުން ގެނައި ވެރިކަމެއް ބަދަލު ކުރުމަށް މަސައްކަތް ކުރާ މަންޒަރު ފެނުމުން ކަމަށެވެ. ޕީއެންސީގެ ޕޯޑިއަމެއްގައި ގިނަ ދުވަސްތަކަށް ފަހު ވާހަކަ ދައްކަވަމުން، ނިހާދު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ގެއްލި ރައީސް މުއިއްޒު މަގާމަށް އިންތިހާބުވުން ބަލައިގަތުމަށް އެ ޕާޓީއަށް އުނދަގޫވި ކަމަށެވެ. އަދި އެހާ ހިސާބުން މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި، ހިފައި އެމަނިކުފާނަށް އުނދަގޫކޮށް ޖެއްސުން ކުރުމަށް ބޭނުންވި ކަމަށެވެ. ނިހާދު ވިދާޅުވި ގޮތުގައި އެމްޑީޕީން ބޭނުންވީ، މަޖިލިސް ތެރެއިން ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމަށެވެ. ނިހާދު ވިދާޅުވީ އެމްޑީޕީގެ އެ އަމާޒު ހާސިލު ކުރުމަށް، ޕާޓީން ބޭނުންވާ ބަދަލުތައް ކޮމިޓީތަކަށް ގެނައި ކަމަށެވެ. އެއީ އެބޭފުޅުންގެ ނިންމުންތަކަށް، ވޯޓު ދޭނެކަން ޔަގީންވާ މެމްބަރުން ގޮތް ކަނޑައަޅަން ތިބުމަށްކަމަށް ނިހާދު ވިދާޅުވި އެވެ. ނިހާދު ވިދާޅުވީ މަޖިލީހުގެ ގަވައިދަށް ބަދަލު ގެނެސް، އެމްޑީޕީ ބޭނުންވީ މަޖިލިސް އިންތިހާބަށް ފަހު ލިބޭ މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުން ކަމަށެވެ. ނިހާދު ވިދާޅުވީ އޭނާ ދައްކަވާ ވާހަކައިގެ ހަގީގަތް، މަޖިލީހުގެ ޔައުމިއްޔާތަކުން ފެންނާނެ ކަމަށެވެ. އެއީ ގަބޫލު ކުރެވޭ، އަދި ތާއީދު ކުރާ ވިސްނުމަކަށް ނުވާތީ އެމްޑީޕީ ދޫކުރުމަށް ނިންމީކަމަށް ނިހާދު ވިދާޅުވި އެވެ. ރައްޔިތުންގެ ތާއީދާއި، އަޣުލަބިއްޔަތުން އިންތިހާބުވި ވެރިކަމެއް ދިފާއު ކުރަން ޖެހޭކަން ފާހަގަކޮށް ނިހާދު ވިދާޅުވީ، އިންތިހާބީ ވެރިކަމެއް ބަޣާވާތަކުން ވައްޓާލުމަކީ ދެވޭ އަނިޔާއެއްކަމަށެވެ. އަދި އޭނާ ދުވަހަކު ވެސް އެފަދަކަމެއް ވިޔަ ނުދޭނެކަމަށް ނިހާދު ވިދާޅުވި އެވެ. މީގެއިތުރުން ނިހާދު ވިދާޅުވީ 2024 ވަނަ އަހަރަށް ލަފާކޮށް، އެމްޑީޕީގެ ސަރުކާރުން ހުށަހެޅި ބަޖެޓަށް އޭރުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ރައީސް މުއިއްޒު ހުށަހެޅުއްވި ކަންކަން އެއްފަރާތްކޮށް ބަޖެޓުން އުނި ކުރީ ވެސް ރޭވުމެއްގެ ތެރެއިން ކަމަށެވެ. އަދި އެ ޕާޓީ ބޭނުންވީ، ސަރުކާރު ހިންގަން ދަތިކޮށް ދައުލަތް ނުހިންގޭ ވަރު ކުރުމަށްކަމަށް ނިހާދު ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ