މާލެ: 31°C
މިފްކޯގެ ސީއީއޯ އަކަށް، ބީއެމްއެލްގެ ކުރީގެ ސީއީއޯ އެންޑްރޫ ހީލީ އައްޔަނުކުރަނީ...

މިފްކޯގެ ސީއީއޯ އަކަށް، ބީއެމްއެލްގެ ކުރީގެ ސީއީއޯ އެންޑްރޫ ހީލީ އައްޔަނުކުރަނީ...

June 26, 2024
3 ފަހަރު ބަލާފައި
މިފްކޯގެ ސީއީއޯ އަކަށް، ބީއެމްއެލްގެ ކުރީގެ ސީއީއޯ އެންޑްރޫ ހީލީ އައްޔަނުކުރަނީ...
މޯލްޑިވްސް އިންޑަރސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓްޑް (މިފްކޯ)ގެ ސީއީއޯއަކަށް، ބީއެމްއެލްގެ ކުރީގެ ސީއީއޯ އެންޑްރޫ ހީލީ އައްޔަނުކުރުމަށް ނިންމައިފިއެވެ. މިނިވަންއަށް ވަރަށް އިތުބާރުހުރި މަސްދަރަކުން އެނގުނު ގޮތުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، (ޕީސީބީން) ވަނީ މިފްކޯގެ ސީއީއޯއަކަށް ހީލީ ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ ކަންކަން ގާތްގަނޑަކަށް ނިންމާފައެވެ. ބީއެމްއެލްގެ ސީއީއޯކަމުގެ މަގާމުގައި ހީލީ ހުންނެވީ 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށެވެ. ބީއެމްއެލްގައި ހީލީ ހޭދަކުރެއްވި ދުވަސްތަކުގައި އޭނާ ވަނީ އެ ބޭންކަށް ކުރިއެރުންތަކެއް ހޯއްދަވާދެއްވާފައެވެ. މާލީގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ސަރުކާރުގެ މަސްކުންފުނި، މިފްކޯއަށް، އައު ސީއީއޯއެއް ހޯދުމަށް މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ އާއްމުކޮށް އިއުލާނުކޮށްފައެވެ. ޕީސީބީން ގެެޒެޓްގައި ކޮށްފައިވާ އިއުލާނަށް ބަލާއިރު، މިފްކޯގެ ސީއީއޯއަކަށް ހޯދަނީ ބިދޭސީއެކެވެ. ސީއީއޯގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ އިނާޔަތްތަކާއެކު 9،500 އާއި 12،000 ހާސް ޑޮލަރާ ދެމެދުގެ މުސާރައެކެވެ. އެއީ ދިވެހި ފައިސާއިން ބަލާނަމަ، 146،490 އާއި 185،040 ރުފިޔާ އާ ދެމެދުގެ އަދަދެކެވެ. މިފްކޯގެ ސީއީއޯއަކަށް ކުރިން ހުންނެވީ އަހްމަދު ސަމާހު ރަޝީދެވެ. ސަމާހު މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މެއިމަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ ކުރިން އޭނާ ވަނީ މަޤާމުން ސަސްޕެންޑްވެސް ކޮށްފައެވެ. މިހާރު ސަމާހު ހުންނެވީ، ފިޝަރީޒް މިނިސްޓްރިީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ޕީސީބީން ސަމާހް ވަކިކުރީ ވަރަށްގިނަ ކަންކަން އުސޫލުން ބޭރުން ކުރާތީއެވެ.  ސަމާހުގެ މައްޗަށް ކުރި ތުހުމަތުތަކުގެ ތެރޭގައި ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގަ އާއި ސިޔާސީ ބޭނުންތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ބޭނުން ކުރުމާއި ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށް ވަޒީފާގެ ބިރުދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރަ ދަށްކުރުމާއި ސަބަބެއް ނެތި ޑިޕާޓްމަންޓްތައް ބަދަލު ކުރުން އޭގެ ތެރޭގައި ހިމެނެ އެވެ. އަދި ހެޑް ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވައިދާ ހިލާފަށް އެއްވެސް ޝަރުތަކަށް ބެލުމެއް ނެތި އާންމުކޮށް އިއުލާން ކުރުމެއް ވެސް ނެތި މުވައްޒަފުން ނެގުމާއި އިޖުރާއަތުތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވެއްދުމާއި ޕީސީބީގެ ހުއްދަ ނުހޯދާ ކުންފުނީގައި މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުން ނެގުން ވެސް ހިމެނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ