މާލެ: 31°C
އެމްޑީޕީއަށް 19 އަހަރު: ރައީސް ނަޝީދު ވިދާޅުވަނީ އެމްޑީޕީން އަދިވެސް އަމާޒު ހިފަންވީ ބަރުލަމާނީ ނިޒާމަށް ކަމަށް

އެމްޑީޕީއަށް 19 އަހަރު: ރައީސް ނަޝީދު ވިދާޅުވަނީ އެމްޑީޕީން އަދިވެސް އަމާޒު ހިފަންވީ ބަރުލަމާނީ ނިޒާމަށް ކަމަށް

June 26, 2024
2 ފަހަރު ބަލާފައި
އެމްޑީޕީއަށް 19 އަހަރު: ރައީސް ނަޝީދު ވިދާޅުވަނީ އެމްޑީޕީން އަދިވެސް އަމާޒު ހިފަންވީ ބަރުލަމާނީ ނިޒާމަށް ކަމަށް
ސިޔާސީ މައިދާނުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އަދިވެސް އެނބުރެންވީ ބަރުލަމާނީ ނިޒާމެއް ގެނައުމުގެ މިސްރާބަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާއި ގުޅިގެން ތަހުނިޔާ ފޮނުއްވައި ނަޝީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އެންމެ އަސާސީ އެއް އުސޫލަކީ، ރައްޔިތުންނަށް ފައިދާހުރި ވެރިކަމެއް ހިންގޭނީ ބަރުލަމާނީ ނިޒާމުންކަމަށް ދެކޭ ދެކުން ކަމުގައެވެ. "ޕާޓީގެ އޮނިގަނޑު ރޭވިފައިވަނީ އެ ހަމައަށް. އަދިވެސް އެނބުރެންވީ އެ މިސްރާބަށް،" ނަޝީދުގެ ޕޯސްޓުގައި ވިދާޅުވިއެވެ. އެމްޑީޕީގެ ލީޑަރޝިޕް ތެރޭގައި އުފެދުނު ބޮޑު ހިޔާލުތަފާތުވުމެއްގެ ތެރެއިން ރައީސް ނަޝީދުއަށް ތާއިދުކުރެއްވި ބޭފުޅުން އެމްޑީޕީއާ ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް އުފައްދަވާފައި ވާއިރު އެ ޕާޓީ އިން އަދިވެސް ތާއިދު ކުރަނީ ބަރުލަމާނީ ނިޒާމަށެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި، ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރައްވާފައެވެ. އެހެންނަމަވެސް، މިދިޔަ އަހަރު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ނެގި ވޯޓަކުން 90 މެންބަރުންގެ އިއްތިފާގުން ނިންމަވާފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުކުރުމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ގިނަ މެމްބަރުންނަށް އެކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަން ފުރުސަތު ދެއްވިއެވެ. އެ ފުރުސަތުތަކުގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވެސް ވާހަކަ ދެއްކީ ބަރުލަމާނީ ނިޒާމާއި ދެކޮޅަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ، ރާއްޖެއަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމެއް ކަމަށާއި އެނިޒާމު ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ