މާލެ: 31°C
ޒަމީރު، ބްލިންކަންއާ ބައްދަލުކުރައްވައި ގިނަ މަޝްވަރާތަކެއް ކުރައްވައިފި

ޒަމީރު، ބްލިންކަންއާ ބައްދަލުކުރައްވައި ގިނަ މަޝްވަރާތަކެއް ކުރައްވައިފި

June 26, 2024
2 ފަހަރު ބަލާފައި
ޒަމީރު، ބްލިންކަންއާ ބައްދަލުކުރައްވައި ގިނަ މަޝްވަރާތަކެއް ކުރައްވައިފި
ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކަންއާ ބައްދަލު ކުރައްވައިފިއެވެ. ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ރާއްޖެ އާއި އެމެރިކާގެ ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. ވޮޝިންގްޓަން ޑީސީގައި ބޭއްވި މި ބައްދަލުވުމުގައި ދިފާއީ ގުޅުމާއި ޑިމޮކްރަސީ ހަރުދަނާ ކުރުމާއި އިގުތިސާދު ކުރުމާއި މޫސުމީ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ރާއްޖެ އާއި އެމެރިކާގެ ގުޅުން އިތުރަށް ފުޅާކޮށް، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ހަމަޖެހުމާއި މެރިޓައިމް ސެކިއުރިޓީ އާއި ސުލްހަ ދެމެހެއްޓުމުގެ މައްޗަށް ދެ ބޭފުޅުން ވެސް މަޝްވަރާގައި އަލިއަޅުވައިލެއްވި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މި ބައްދަލުވުމުގައި ބްލިންކަން ވަނީ މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ސަރުކާރުން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ. އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަޑު އުފުލަމުންދާތީ އެކަން ފާހަގަކުރެއްވިއެވެ. މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ޒަމީރު ދެއްކެވި ވާހަކައިގައި ދިވެހި ދަރިވަރުންނަށް އެމެރިކާ އިން ދޭ މަތީ ތައުލީމުގެ ފުރުސަތުތަކުގެ މުހިންމުކަން ފާހަގަ ކުރައްވައި ދިވެހިންނަށް ފަސޭހައިން އެމެރިކާ ވިސާ ލިބޭނެ މަގު ފަހިކޮށްދިނުމަކީ ބޭނުންތެރި ކަމެއް ކަމުގައި ވިދާޅުވި ކަމަށެވެ. ބްލިންކަން އާ އެކުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ރާއްޖެއިން އެމެރިކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލް ޣަފޫރު މުހައްމަދާއި ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސެއިން ޝިހާބާއި ކައުންސިލާ ޒީނާ ދީދީ އަދި ސެކަންޑް ސެކްރެޓަރީ އިބްރާހިމް ހާއިލް ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ