މާލެ: 31°C
ސަރުކާރުގެ ވަޢުދު "ތުރުކީ ހަނޑުލަށް"

ސަރުކާރުގެ ވަޢުދު "ތުރުކީ ހަނޑުލަށް"

June 25, 2024
2 ފަހަރު ބަލާފައި
ސަރުކާރުގެ ވަޢުދު "ތުރުކީ ހަނޑުލަށް"
ސަރުކާރުން ރައްޔިތުން ގާތުގައި ވެފައިވާ ކޮންމެ ވައުދަކީ "ތުރުކީ ހަނޑުލަށް" ވެގެން ދިއުމުން ކަމަކު ނުދާނެ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ. މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލާގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ހުށަހެޅި ކުއްލި މައްސަލަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށެވެ. މަސްވެރިން މުޒާހަރާ ކުރަނީ ވީ ވައުދާ އެއްގޮތަށް ސަރުކާރުން އަމަލު ނުކުރާތީ ކަމަށް ޒިޔާދު ވިދާޅުވިއެވެ. މިއަދު ރާއްޖޭގައި އެންމެ ގިނައިން މުޒާހަރާ ކުރަމުން ދަނީ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުދޭ މައްސަލާގައިކަން ފާހަގަކުރައްވަމުން ޒިޔާދު ވިދާޅުވީ މިހާރު ހުރި އަގަށް މަސް ނުގަނެވޭ ނަމަ އެ އަގު ބަދަލު ކުރުމުގެ ފުރުސަތު ވެސް ސަރުކާރަށް އެބައޮތް ކަމަށެވެ. "ކުރިން ބުނި އެތި ކެންސަލް ކޮށްލާފައި މިހާރު މަސް ގަނެވޭނީ 15 ރުފިޔާ އަށް ކިލޯއެކޭ ލާރި ދެވޭނީ މަހަކު އެއްފަހަރުއޭ،" ޒިޔާދު ވިދާޅުވިއެވެ. ވަކި މުއްދަތެއްގައި ފައިސާ ދޭނެ ކަމަށް ވައުދު ވެފައި އޮތުމުން އެ ވައުދާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށާއި އެކަން އެމަގުން ކުރިޔަށް ނުދާ ނަމަ ރައްޔިތުން އިހުތިޖާޖު ކުރާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ. "ކޮންމެ ވައުދެއް އިއްޒަތްތެރި ރައީސް ތުރުކީ ހަނޑުލަށް ވެގެން ދިޔައީމާ ކަމަކު ނުދާނެ. ބައެއް ވައުދު އެބަޖެހޭ ފުއްދަން. މިއީ ފުއްދަން ޖެހޭ ވައުދެއް،" ޒިޔާދު ވިދާޅުވިއެވެ. މިނިސްޓަރުންނާއި އެމްޑީން މީޑިއާތަކަށް އަރާ މިވެނި އަދަދަކުން މަސްވެރިންނަށް ފައިސާ ދީފައިވާ ކަމަށް ވިދާޅުވާއިރު އެއީ މަސްވެރިން ނުކިރުވާ މަހަކަށް ދިން ފައިސާތޯ ޒިޔާދު ވަނީ ސުވާލު އުފައްދައިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ