މާލެ: 31°C
ސަރުކާރުން އެމްއެމްއޭއިން ފައިސާ ނެގުމަކީ ހަމަ ފައިސާ ޗާޕުކުރުން، އެކަން ކޮށްފި: ޔާމީން

ސަރުކާރުން އެމްއެމްއޭއިން ފައިސާ ނެގުމަކީ ހަމަ ފައިސާ ޗާޕުކުރުން، އެކަން ކޮށްފި: ޔާމީން

June 25, 2024
3 ފަހަރު ބަލާފައި
ސަރުކާރުން އެމްއެމްއޭއިން ފައިސާ ނެގުމަކީ ހަމަ ފައިސާ ޗާޕުކުރުން، އެކަން ކޮށްފި: ޔާމީން
ފައިސާ ޗާޕު ނުކޮށް ވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި 13 ބިލިއަން ރުފިޔާގެ ދަރަނި ދައްކަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ސަރުކާރުން އެމްއެމްއޭ އިން ލޯނު ނަގާފައިވާ ކަމަށާއި އެއީ ފައިސާ ޗާޕު ކުރުން ކަމަށް ކުރީގެ ރައީސް ޔާމީން (ފޮޓޯ) ވިދާޅުވެއްޖެއެވެ. ޔާމީންގެ އަމިއްލަފުޅު ގެކޮޅުގައި ހުންނަ ޕީއެންއެފް އޮފީހުގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ކުރީގެ އެމްޑީޕީގެ ސަރުކާރުން ފައިސާ ޗާޕު ކުރަމުން ދިޔަ ގޮތަށް މި ސަރުކާރުން ފައިސާ ޗާޕު ނުކުރާ ކަމަށެވެ. އަދި ފައިސާ ޗާޕު ކުރުމަކީ ހުދު އެމަނިކުފާނު ވެސް ގަޔާވާ ކަމެއް ނޫން ކަމަށެވެ. ހިސާބު ނަންބަރުތަކުން ތަފާސް ހިސާބުތައް ދައްކަވަމުން ޔާމީން ވިދާޅުވީ މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތަށް މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 12 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒުގެ ހިސާބު ދިމާ ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ އެމްއެމްއޭ އަކީ ދައުލަތުގެ މުއައްސަސާއަކަށް ވާއިރު ދައުލަތް އެދުމުން އެ މުއައްސަސާ އިން ކުރު މުއްދަތުގެ ލޯނުތައް ދޫކުރާނެ ކަމަށެވެ. އެ ލޯނު ދޫކުރަނީ "އެޑްވާންސަސް ޓޫ ދަ ގަވަރުމަންޓް" ގެ ނަމުގައެވެ. ޔާމީން ވިދާޅުވީ އެމްޑީޕީ ސަރުކާރު ނިމުނުއިރު އެ އައިޓަމްގެ ގޮތުގައި އުޅެނީ 1.7 ބިލިއަން ރުފިޔާ ކަމަށެވެ. "މިއަދުގެ ހިސާބުތަކަށް ބަލާއިރު "އެޑްވާންސަސް ޓޫ ދަ ގަވަރުމަންޓް" ގެ އުޅެނީ 14.7 ބިލިއަން ރުފިޔާ. އެހެންވީމަ މިއައީ އެއްކަލަ 13.7 ބިލިއަން. މިއައީ އެއްކަލަ 13.7 ބިލިއަން. އެހެންވީމަ އެމްއެމްއޭ އިން ބޮރޯ ކޮށްގެން މިއުޅެނީ،" 2013 އިން 2018އަށް ރާއްޖޭގައި ވެރިކަން ކުރެއްވި ޔާމީން ވިދާޅުވިއެވެ. "މިއީ ހަމަ ޗާޕު ކުރުން. މިއީ ހަމަ ފައިސާ ޗާޕު ކުރުން. ފައިސާ ޗާޕު ކުރެވޭނީ ދެ ގޮތަކަށް. އެއްގޮތަކީ ފައިސާ ޗާޕުކުރާ މެޝިނަކުން ފައިސާ ޗާޕު ކޮށްގެން ގެނައުން. އެއީ ފެޑް ރިޒާވުން ނޫނީ އެމެރިކާ އިން މިކަން ކުރާ ކަމަށް ވަންޏާ މިކަން ކޮށްގެން ގެނައުން،" ފައިސާ ޗާޕުކުރާ އަނެއް ގޮތަކީ ބޭންކުތަކަށް ވަދެފައި ހުންނަ ފައިސާ ނުވަތަ މީހުންގެ އަތްމަތީ ހުންނަ ފައިސާ ނޫން ގޮތަށް، އެމްއެމްއޭ އިން ފައިސާ ނެގުން ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވި ގޮތުގައި އެ ދެގޮތުން ކުރެ ކޮންމެ ގޮތަކަށް އަމަލު ކުރި ނަމަވެސް ނިކުންނާނީ އެއް ނަތީޖާއެއް ކަމަށެވެ. ޔާމީންގެ ވާހަކަފުޅުގައި އެމްއެމްއޭ އިން ލޯނު ނަގައިގެން ސަރުކާރެއް ނުހިންގޭނެއެވެ. އަދި އެކަމަކީ ގޯހެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ