މާލެ: 31°C
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން އަލުން ފަށައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން އަލުން ފަށައިފި

June 25, 2024
2 ފަހަރު ބަލާފައި
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން އަލުން ފަށައިފި
ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އަލުން ފަށައިފިއެވެ. ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރުއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް މިދިޔަ ސަރުކާރުން ފެށި މަޝްރޫއުއެކެވެ. އެޗްޑީސީން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން ކުރިއަށްދާ ގޮތުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރަމުން ބުނީ މިހާތަނަށް 23 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. އެއަށްފަހު އެ މަޝްރޫއުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލީ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުންދާކަމަށް ފާހަގަކުރެވިގެން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އީޕީއޭގެ އާއްމު އިއުލާނަކުން އޭރު އެންގުމާ ގުޅިގެން ކަމަށް އެޗްޑީސީއިން ބުނެއެވެ. އެގޮތުން، އެޗްޑީސީން ބުނީ އީޕީއޭގެ ހުއްދަ އަލުން ލިބުމާއެކު ތިންވަނަ ފިޔަވަހިން ބާކީ 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފެށާފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 22 ވަނަ ދުވަހު ފެށި މި މަޝްރޫއު ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާއެވެ. ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު، އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި ބައެއް އުޅަނދުތައް މިހާތަނަށް ވެސް ނަގާފައި ނުވާތީ، މި މަސައްކަތް ކުރިއަށް ގެންދަން ވަރަށް ބޮޑަށް ދަތި ވާނެ ކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ. ހުޅުމާލެއިން ހިއްކާ އެ ބިމަކީ ގޯތި ދިނުމަށް ހިއްކާ ބިން ކަމަށްވާއިރު ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް މި ބިން ބޭނުންކުރާނެއެވެ. ހައުސިން މިނިސްޓްރީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު، 1351 ގޯތި ހުޅުމާލެއިން ދޫކުރާނެއެވެ. މީގެތެރޭގައި 8 ސައިޒެއްގެ ގޯތި ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ