މާލެ: 31°C
އަދުރޭއަށް ރައްދު ދިނުމަށް ރައީސް ޔާމިނު މިރޭ ޕޯޑިއަމަށް

އަދުރޭއަށް ރައްދު ދިނުމަށް ރައީސް ޔާމިނު މިރޭ ޕޯޑިއަމަށް

June 24, 2024
3 ފަހަރު ބަލާފައި
އަދުރޭއަށް ރައްދު ދިނުމަށް ރައީސް ޔާމިނު މިރޭ ޕޯޑިއަމަށް
ޕީއެންސީގެ އައު ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް ޔާމީނުއަށް ހަވަރަށްދީފައި ވަނިކޮށް ރައީސް ޔާމިނު ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއް ބޭއްވުމަށް ޕީއެންއެފުން ނިންމައިފިއެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕަލް ނެޝަނަލް ފްރަންޓުން މިރޭ އެ އޮފީހުގައި ބާއްވާ ޖަލްސާގައި ރައީސް ޔާމިނު ވާހަކަފުޅު ދައްކަވާނެއެވެ. ޕީއެންއެފުން މިރޭ ޖަލްސާއެއް ބޭއްވުމަށް ތާވަލް ކޮށްފައިމިވަނީ، ރޭ ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް ޔާމީނުއަށް ނިސްބަތްކޮށް މީގެ ކުރިން ވިދާޅުވެފައި ނުވާފަދަ ވާހަކަތަކެއް ދައްކަވާފައިވަނިކޮށެވެ. ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވަނީ ރައީސް ޔާމިނަކީ ހިޔަޅެއްކަމަށް ސިފަކުރައްވައި ރައީސް ޑރ.މުއިއްޒުއަށް މާކުރިން ރިޔާސީ ޓިކެޓް ދިނުމަށް ރޭވިކަން ހާމަކުރައްވާފައެވެ. މި ޖަލްސާގައި އަދުރޭ ވަނީ ރައީސް ޔާމިނަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. މިގޮތުން ޔާމިނުގެ ސިޔާސަތަކީ މަވެތިކަމުގެ ސިޔާސަތެއްކަމަށާއި އެ ސިޔާސަތުގައި މަޝްވަރާގެ ރިވެތި އުސޫލެއް އަދި އެހެންމީހެއްގެ އަޑުއެހުމެއް ނެތް އަމިއްލަ އެދުންފުޅު ބޮޑު ބޭފުޅެއްގެ ގޮތުގައި އަދުރޭ ވަނީ ރައީސް ޔާމިނު ސިފަކުރައްވާފައެވެ. މި ޖަލްސާގައި އަދުރޭ ވަނީ ރައީސް ޔާމިނުގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އިތުރުން ޕީއެންއެފްގެ ލީޑަރޝިޕްގެ ބޭފުޅުންނަށްވެސް ވަރަށްބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. ރައީސް ޔާމީނުވެރިކަމުގައި އަބްދުއްރަހީމް އަބްދުﷲ ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރަކަށް ހުންނެވި ނަމަވެސް، ސަރުކާރުގެ ތެރެއިން އަދުރޭގެ އާއިލާއަށް ސަރުކާރުގެ ތެރެއިން އެކިއެކި މަންފާތައް ހޯއްދަވާފައިވާކަމަށް އޮޑިޓަރ ޖެނެރަލް ނެރުއްވި ފޮރިން މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން އެނގެން އެބައޮތެވެ. މިގޮތުން އޭރު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިފުޅު ފައިސަލް އިބްރާހިމް، މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ވަޒީފާގައި ހުންނެވިއިރު، އޭނާ އާއި އަނބިކަނބަލުންގެ އައިނު ހެއްދުމަށް އެމްބަސީގެ ބަޖެޓުން 72،438 ރުފިޔާ ހަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން އެނގެއެވެ. އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ފައިސަލްގެ އަނބިކަނބަލުން ޕްރާޑާ ބްރޭންޑްގެ އައިނެއް ހެއްދުމަށް އެމްބަސީގެ ބަޖެޓުން 72،438 ރުފިޔާ ހޭދަކޮށްފައިވަނީ ޤަވައިދާ ހިލާފަށްކަމަށެވެ. ރައީސް ޔާމީނު ވެރިކަމުގައި އަދުރޭގެ ދަރިފުޅު ފައިސަލް ހުންނެވީ، އެމްބަސީގެ މިނިސްޓާ/ކައުންސެލާގެ މަގާމުގައެވެ. ހަމަ އެދުވަސްވަރު ފައިސަލްގެ ފަރާތުން އައިލެންޑް އޭވިއޭޝަނުން ޓިކެޓްތަކެއް ނަގައި 157،290 ރުފިޔާ ނުދައްކާ އޮތް މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލަ ހިލުމާއެކު ފައިސަލް ފަހުން ވަނީ ޓިކެޓްތަކަށް ފައިސާ ދައްކާފައެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ