"ދަންދާނަ" ގްރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ވީޑިއޯ މިސްކިތެއް ތެރޭގައި ކުޅެފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި، އެކަން ކޮށްފައިވަނީ އޭނާ އަމިއްލައަށް ކަމަށާއި އެ ކަމުގައި އެ ގުރޫޕުގެ އެއްވެސް ހިއްސާއެއް ނެތް ކަމަށް ވެސް އެ ގުރޫޕުން ބުނެފައިވެއެވެ.
އަދި އެކަން ކޮށްފައިވަނީ ގްރޫޕުގެ ދަތުރެއްގައި ކަމަށްވުމުން ގްރޫޕުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް އޭނާ ވަކި މުއްދަތެއް ނެތި ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ގްރޫޕުން ނެރުނު ބަޔާނުގައިވަނީ ބުނެފައިވެއެވެ.
އޭގެ އިތުރުން، އެ ގްރޫޕުން ވަނީ އެ ވީޑިއޯގެ ސަބަބުން އެ ގްރޫޕުގެ ނަން ހަޑިވާނެ ގޮތަށް ޚަބަރު ނުފަތުރަން ވެސް އެދިފައެވެ. އަދި، ކުރިއަށް އޮތް ދަތުރުތަކުގައި އެ ގުރޫޕުގެ މެންބަރުންގެ ފަރާތުން އެފަދަ އަމަލެއް ނުފެންނާނެކަމުގެ ޔަގީންކަން އެ ގުރޫޕުން ވަނީ ދީފައެވެ. ޓިކްޓޮކްގައި އާންމުވި ވީޑިއޯގައި ފެންނަނީ އަންހެން މީހާ ލިބާހެއް ލައިގެން ހުރެ ބަނޑިޔަލެއް ހިފައިގެން މިސްކިތުގެ ތެރޭގައި ހިނގާ ތަނާއި މާބޮޑިއެއް ހިފައިގެން މިސްކިތުގެ ތެރޭގައި ނަށާ ތަނެވެ.






