މާލެ: 31°C
ތަޖުރިބާކާރު ނޫސްވެރިޔާ އިސްމާއީލް ނަސީރަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި

ތަޖުރިބާކާރު ނޫސްވެރިޔާ އިސްމާއީލް ނަސީރަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި

June 22, 2024
2 ފަހަރު ބަލާފައި
ތަޖުރިބާކާރު ނޫސްވެރިޔާ އިސްމާއީލް ނަސީރަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި
ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އަދި މިހާރު ނޫހުގެ މެނޭޖިންގ އެޑިޓަރު އިސްމާއީލް ނަސީރުއަށް ސްޓްރޯކެއް ޖެހުމުގެ ސަބަބުން އޭޑީކޭގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. މިނިވަންއަށް މައުލޫމާތުދެމުން މިހާރު ނޫހުގެ ނޫސްވެރިއަކު ބުނީ، އިސްމާއީލް ނަސީރަށް ސްޓޯކް ޖެހުނީ އިއްޔެގެ ވަގުތެއްގައި އޭނާ ނިސްބަތްވާ ރަށްކަމަށްވާ، ބ.އަތޮޅު އޭދަފުށީގައި ހުއްޓާކަމަށެވެ. އިސްމާއީލަށް ސްޓޯކް ޖެހުމުން އޭނާގެ ހާލު ދެރަވެ، އެންމެފަހުން މާލެ ގެނސްފައިވަނީ ދަރަވަންދޫމަގުން ރޭގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްމާއީލް ނަސީރުގެ ހާލު އަދި ސީރިއަސްއެވެ. މިގޮތުން ސިކުނޑީގެ އެއްފަޅިއަށް އަސަރުކޮށްފައިވާއިރު، ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެކަށީގެންވާ މުއްދަތެއް ނަގާނޭކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އިސްމާއީލް ނަސީރުގެ ހާލާ ގުޅޭގޮތުން ނޫސްވެރިންގެ އާއިލާއިންނާއި ކަމާއި ގުޅޭ އެކި މުއައްސަސާތަކުން ދަނީ އަވަސް ޝީފާއަކަށް އެދެމުންނެވެ. އިސްމާއީލް ނަސީރު ވަނީ ނޫސްވެރިކަމުގެ "ރަން" ގަލަން ހާސިލްކޮށްފައެވެ. އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާގައި 29 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައެވެ. އިސްމާއީލް ނަސީރު އާއްމުނަށް އެންމެ ފުރަތަމަ ތައާރަފް ވެގެންދިޔައީ ކުރީގެ ދުވަހު ނޫސް "އާފަތިސް" ނޫހުންނެވެ. އިސްމާއީލް ނަސީރަކީ ރީތި އަދި ފަށުވި އިބާރާތްތަކުން ބުނަން ބޭނުންވާ އެއްޗެއް މީހުންނަށް ފަހުމްކޮށްދިނުމުގައި ފާހަގަކޮށްލެވޭ ނޫސްވެރިއެކެވެ. މިނިވަން ނޫހުގެ ފަރާތުން އިސްމާއީލް ނަސީރަށް އަވަސް ޝިފާއަކަށް އެދެމެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ