މާލެ: 31°C
ކުށްވެރިންނާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު ދެއްކެވި ވާހަކަތައް އެމްޑީޕީން ކުށްވެރިކޮށްފި

ކުށްވެރިންނާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު ދެއްކެވި ވާހަކަތައް އެމްޑީޕީން ކުށްވެރިކޮށްފި

June 20, 2024
2 ފަހަރު ބަލާފައި
ކުށްވެރިންނާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު ދެއްކެވި ވާހަކަތައް އެމްޑީޕީން ކުށްވެރިކޮށްފި
މި ފަހަކަށް އައިސް ވައްކަންތަކާއި ކުށަށް އަރައިގަތުން އިތުރުވެފައިވަނީ، ނިމިގެންދިޔަ ވެރިކަމުގައި ދޫކޮށްލި ކުށްވެރިންގެ ސަބަބުންކަމަށް ދޭހަވާ މޭރުމަކުން، ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ދެއްކެވި ވާހަކަތައް އެމްޑީޕީން ކުށްވެރިކޮށްފި އެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ކުށްކުރުން ހައްދުން ނެއްޓި އެތައް ބައެއްގެ މުދަލަށް ގެއްލުންވަމުންދަނީ ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރުގެ ސަބަބުންކަމަށް ސިފަވާގޮތަށް ފުލުހުންގެ ތަރުޖަމާނު ދައްކަވާފައިވަނީ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބުރަވެ ނޫންކަމަށެވެ. މިގޮތުން އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް، ތަފާސްހިސާބެއް، ދިރާސާއެއް ނުވަތަ ލިޔެކިއުމެއް ނެތި އެވާހަކަތައް ޝިފާން ދައްކާފައިވަނީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށްކަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ. "ޤައުމުގެ އަމާންކަން ބެލެހެއްޓުމާއި ކުށް ކުރުން ހުއްޓުވުމުގެ ޤާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައި އޮތް ފުލުހުންގެ ފަރާތުން މިފަދަ ވާހަކައެއް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ. އެމްޑީޕީގެ ބަޔާނުގައި ބުނީ ކުށްވެރިއަކު ދޫކުރިނަމަ ދޫކޮށްފައިވާނީ ހުކުމް ތަންފީޒުކުރަމުންދިޔަ މީހަކު މިނިވަން ކުރުމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލްތަކުގެ މަތިންކަމަށެވެ. އެކިއެކު ކުށްކުށުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން ޖަލުގެ އަޙްލާގް ރަނގަޅު މީހުންނާއި، ރިހިބިލިޓޭޓްކުރުމާއި މަސައްކަތް ދަސްކޮށްދިނުމަށް ޖަލުގައި ހިންގޭ އެކިއެކި ޕްރޮގްރާމްތައް ފުރިހަމަ ކުރާ ފަރާތްތަކުގެ ތެރެއިން މުޖުތަމައުއަށް އަނބުރާ ގެނެސް އަލުން ދިރިއުޅުން ބިނާކުރުމަށް އިތުރު ފުރުސަތެއް ދެވިދާނެ ފަދަ މީހުން ފާހަގަކޮށް ޤަނޫނީ ހަމަތަކުގެ މަތިން އެފަދަ މީހުން މިނިވަންކޮށްފައިވާނޭ ކަމަށްވެސް އެމްޑީޕީގެ މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތަށް މިނިވަންކުރި މީހުން މިނިވަންކުރާތާ އަހަރެއްގެ ތެރޭގައި އިތުރު ޖިނާއީ ކުށެއް ކޮށްފިނަމަ އިތުރު ހުކުމެއ ްކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ގެންގޮސް މައާފްކުރެވުނު ހުކުމުގެ ބާކީ ބައި ތަންފީޒުކުރަން ފަށަންޖެހޭގޮތަށް ވާނީ ކަނޑައަޅާފައެވެ. އެމްޑީޕީން އިތުރަށް މި ބަޔާނުގައި ބުނެފައިވަނީ ނިމިގެންދިޔަ ވެރިކަމުގައި މިނިވަންކޮށްފައިވާ މީހަކު ޖިނާއީ ކުށެއް ކޮށްފިނަމަ ، ޤާނޫނުގައި އެބުނާ ކަންކަން މި ސަރުކާރަށް ނުކުރެވޭނަމަ އޭގެން ދޭހަވަނީ އެ މީހުންނަކީ ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހުން ނޫންކަމަށްވެސް މި ބަޔާނުގައި އެމްޑީޕީން ވަނީ ބުނެފައެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ނިމިގެންދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބާ ދިމާކޮށް ކުށްވެރިންތަކެއް މިނިވަންކުރުމަކީ އެމްޑީޕީން ކަންބޮޑުވާ ކަމެއްކަން ފާހަގަކުރަމުން އެޕާޓީން ވަނީ ޤާނޫނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ދޫކޮށްލި ކުށްވެރިންގެ ލިސްޓް އާއްމުކުރުމަށްވެސް ސަރުކާރަށް ގޮވާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ