މާލެ: 31°C
ސިޔާސީ ޕާޓީތަކަށް 44 މިލިއަން ރުފިޔާ!

ސިޔާސީ ޕާޓީތަކަށް 44 މިލިއަން ރުފިޔާ!

June 19, 2024
2 ފަހަރު ބަލާފައި
ސިޔާސީ ޕާޓީތަކަށް 44 މިލިއަން ރުފިޔާ!
ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަވާ ހަ ސިޔާސީ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން 44 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ، ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ 36 ވަނަ މާއްދާގެ ދަށުންނެވެ. އަދި މިގޮތަށް ފައިސާ ދޫކުރާއިރު، އޮތް އެންމެ ބޮޑު ޝަކުވާއަކީ ސިޔާސީ ޕާޓީތަކަށް ވަގު ފޯމުތައް ހުށަހަޅައި މެމްބަރުން އިތުރު ކުރާކަމެވެ. އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި މައުލޫމާތުތަކުގައި ވަނީ، މިދިޔަ މޭއި މަހުގެ ތެރޭގައި ފައިސާ ދޫކުރަން ޖެހޭ ހުރިހާ ޕާޓީއަކަށް ފައިސާ ދޫކޮށް ނިމިފައިވާ ކަމަށެވެ. ފައިސާ ދޫކޮށްފައި ވަނީ މި އަހަރަށް ލަފާކުރި ބަޖެޓުގައި ފާސްކުރި ހިސާބަށް އެ ޕާޓީތަކުގައި މެމްބަރުން ތިބި އަދަދަށް ބެލުމަށް ފަހު އެވެ. މި އަހަރު ވެސް ދައުލަތުގެ ބަޖެޓުން ފައިސާ ލިބުނު ޕާޓީގެ ތެރޭގައި އަދާލަތު ޕާޓީއާއި، އެމްޑީއޭ ހިމެނެ އެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރި ޕާޓީތަކަކީ: އެމްޑީޕީ – 15.1 މިލިއަން ރުފިޔާ ޕީޕިއެމް – 10.4 މިލިއަން ރުފިޔާ ޕީއެންސީއަށް – 8 މިލިއަން ރުފިޔާ ޖުމްހޫރީ ޕާޓީ – 5.3 މިލިއަން ރުފިޔާ އަދާލަތު ޕާޓީ – 2.5 މިލިއަން ރުފިޔާ އެމްޑީއޭ – 2.4 މިލިއަން ބަޖެޓު ފާސް ކުރިއިރު، ހަ ސިޔާސީ ޕާޓީއެއްގައި 10،000 މެމްބަރުން ހަމަވިކަމަށް ދެއްކި ނަމަވެސް އަހަރު ނިމުނު އިރު އެމްޑީއޭ އަދި އަދާލަތު ޕާޓީގެ މެމްބަރުންގެ އަދަދު ހަމައެއް ނުވެ އެވެ. ރާއްޖޭގެ ގާނޫނު ބުނާ ގޮތުން 10،000 މެމްބަރުން ހަމަވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރަން ޖެހެ އެވެ. މިހާތަނަށް އައި އިރު އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ އެމްޑީޕީ އަށެވެ. އެ ޕާޓީއަށް 2021 ވަނަ އަހަރު އެކަނި ވެސް 17 މިލިއަން ރުފިޔާ، އަދި ޕީޕީއެމަށް 11 މިލިއަން ރުފިޔާ ލިބުނެވެ. ކޯލިޝަނެއްގެ ގޮތުގައި ހިންގާ ޕީޕީއެމް/ޕީއެންސީއަށް މި އަހަރު ޖުމްލަ ފައިސާގެ ގޮތުގައި 18.4 މިލިއަން ރުފިޔާ ލިބޭނެ އެވެ. ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރާއިރު، އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީ ފިޔަވައި އެހެން ޕާޓީތަކަކީ އާންމު އިންތިހާބުތަކުގައި މާ ގިނަ ވޯޓުތަކެއް ލިބޭ ޕާޓީއެއް ނޫނެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ޕާޓީތަކަށް ލިބޭ ވޯޓުގެ އަދަދު ދަށްވެ، އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ނުކުރެވެ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެސް، އިންތިހާބުތަކުގައި ލިބޭ ވޯޓުގެ އަދަދަށް ބަލައި ފައިސާ ދޫކުރުމުގެ އިސްލާހެއް ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން މަޝްވަރާތަކެއް ކުރި އެވެ. އޭރު ކޮމިޝަނުން މަސައްކަތް ކުރީ، މަޖިލީހަށް އެ ބިލު ހުށަހެޅުމަށް ނަމަވެސް އެ މަސައްކަތް ފަހުން ގޮސްފައިވާ ހިސާބެއް ސާފެއް ނޫނެވެ. އިލެކްޝަން ކޮމިޝަންގެ ޤާނޫނަށާއި ލާމަރުކަޒީ ޤާނޫނަށާއި އިންތިޙާބާއި ބެހޭ ޤާނޫނުތަކަށް ސަރުކާރުންވެސް އިސްލާހުތަކެއް ގެނެސް ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާ ފެށީ ކޮމިޝަނުގައި 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރު ކޮމިޝަނުގައި ތިއްބެވި މެމްބަރުންގެ ވިސްނުން ހުރީ ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ އެކި ގިންތިތަކަށް ބަހާލައިގެން ދިނުމަށެވެ. އެގޮތުން 55 އިންސައްތަ އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީއަކަށް ލިބިފައިވާ ސައްޙައް ވޯޓުގެ ނިސްބަތުން ކަމަށް ހުށަހެޅުމަށް ފަހު، 15 އިންސައްތަ އިދާރީ ފީއެއްގެ ގޮތުގައި ހުރިހާ ޕާޓިތަކަށް ބެހުމަށްފަހު އަނެއް 30 އިންސައްތަ 10،000 މީހުން މީހުން ހަމަވާ ޕާޓީތަކަށް ބަހާލާގޮތަށް އިސްލާހު ހުށަހަޅަން މަޝްވަރާ ކުރިކަން ފާހަގަ ކުރެވެ އެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ