މާލެ: 31°C
ކެނެބިސް ޓްރެފިކްކުރި މީހަކު 25 އަހަރަށް ޖަލަށްލައި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ކެނެބިސް ޓްރެފިކްކުރި މީހަކު 25 އަހަރަށް ޖަލަށްލައި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

June 18, 2024
2 ފަހަރު ބަލާފައި
ކެނެބިސް ޓްރެފިކްކުރި މީހަކު 25 އަހަރަށް ޖަލަށްލައި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
ގިނަ އަދަދެއްގެ ކެނެބިސް ގެންގުޅުނު މީހެއް 25 އަހަރަށް ޖަލަށްލައި، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ މާލެ، މ. އިރާކުމާގެ މުޙައްމަދު ލަމްޢާން ޞަބާހްގެ މައްޗަށެވެ. ލަމްޢާންގެ މައްޗަށް ދައުލަތުން ހުށަހެޅި ދައުވާގައިވަނީ ހ. ދިއްގާމާގޭގެ ތިންވަނަ ފަންގިފިލާގައި މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށާއި އެކަމާ ގުޅިގެން މިދިޔަ އަހަރުގެ އޮގަސްޓު 31 ވަނަ ދުވަހުގެ ބުރުޒުމަގުގައި ހުންނަ ކޮފީކޯނާ ކައިރީގައި ލަމްޢާން ހުއްޓައި، ފުލުހުން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރި ކަމަށެވެ. އަދި ދިއްގާމާގޭގެ ތިންވަނަ ފަންގިފިލާގައި ލަމްޢާން ދިރިއުޅޭ އެޕާޓްމެންޓްގައި ގާނޫނާ ޚިލާފަށް އެއްވެސް އެއްޗެއް ހުންނާނެތޯ ފުލުހުން ސުވާލު ކުރުމުން، އެ ކޮޓަރީގެ ކަބަޑުގައި މަސްތުވާތަކެތި ހުންނާނެ ކަމަށް އޭނާ ބުނެފައިވާ ކަމަށް ދައުވާގައިވެއެވެ. ފުލުހުން އެތަން ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 225 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި، އެ ސެލޯފިންކޮޅުތަކުގައި ޖުމްލަ 138.6 ގްރާމްގެ ކެނެބިސްހުރި ކަމަށް، އެ ތަކެއްޗާ ގުޅޭ ތަހުލީލު ރިޕޯޓާ ހަވާލާދީ ދައުލަތުން ބުނެފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން ލަމްޢާނުގެ މައްޗަށް ކުރީ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާއެވެ.

ނަމަވެސް އެ ދައުވާއަށް އިންކާރުކޮށް އޭނާ ކޯޓުގައި ބުނެފައިވަނީ އެއީ އޭނާގެ އަންހެނުންގެ ބޭބެ ބަހައްޓާފައިވާ ތަކެތި ކަމަށެވެ.

މި މައްސަލާގައި ލަމްޢާނުގެ އިތުރުން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކަށް ރިޢާޔަތްކުރުމަށްފަހު، ލަމްޢާންގެ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާ ބަހައްޓާފައިވާ ތަކެތި ކަމަށް ޝައްކެއް ނެތި ދައުލަތުން ސާބިތުކޮށްދީފައިވާތީ، ޝަރީއަތުން ކަނޑައެޅީ ލަމްޢާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށެވެ. ކްރިމިނަލް ކޯޓުން ލަމްޢާނުގެ މައްޗަށް ހުކުމްކުރީ 25 އަހަރަށް ޖަލަށްލުމަށާއި 100،000ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ