މާލެ: 31°C
"ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިން ވާކަމެކެވެ"

"ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިން ވާކަމެކެވެ"

June 14, 2024
2 ފަހަރު ބަލާފައި
"ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިން ވާކަމެކެވެ"
ލަދުވެތިކަމަކީ އެންމެހައި ނުބައިކަންކަމުން ދުރުހެލިވުމަށް ބާރުއަޅާ، އަދި ހައްޤުގެ ވެރިޔާއަށް އޭނާގެ ހައްޤު ލިބިދިނުމަށް ހުރަސްއަޅާ ކަންކަމާ ދެކޮޅުވެރިވުމުގެ ރޫހު އުފައްދައިދޭ ކަމެއްކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ، "ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ މައްޗަށެވެ. ހުތުބާ ފަށަމުން ބުނެފައިވަނީ އިސްލާމްދީނަކީ ހުރިހައި ފުރިހަމަކަމަކާއި ރިވެތިކަމެއް އެކުލެވިގެންވާ ދިރިއުޅުމުގެ އެންމެ ފުރިަމަ ނިޒާމް ކަމަށެވެ. މަތިވެރި އަހުލާޤުގެ ހުރިހައި ސިފަޔަކަށް މި ދީން މަގުދައްކާ ކަމަށާއި، އެގޮތުން ލަދުވެތިކަމާ، ޢިއްފަތްތެރިކަމަކީ އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރުއަޅުއްވާފައިވާ މަތިވެރި ދެ ސިފަކަމަށް ހުތުބާގައި ބުންޏެވެ. ދިވެހިބަހުގެ ރަދީފުގައި ލަދުވެތިކަން މާނަކޮށްފައިވަނީ އެއީ، އަބުރުގެއްލޭފަދަ ކަމެއް ކުރުމަށް ޖެހިލުންވުމެވެ. ނުވަތަ އެހެން މީހުންނަށް ފާޅުކުރަން ނުކެރޭ ވަކި ސިފައެއް، ވަކިކަމެއް އެހެން މީހުންނަށް ފެނިދާނެތީ ޖެހިލުން ވުމެވެ. ހުތުބާގައި ބުނީ ލަދުވެތިކަމުގެ މި މާތް ސިފައިގެ މުހިންމުކަން ކީރިތި މާތް ނަބިއްޔާ މި ސިފަ ގެންނަވައިފައި ވަނީ އީމާންކަމުގެ ތެރެއިން ކަމަށެވެ. އިތުރު އެކަލޭގެފާނު ހަދީސްކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. "ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިން ވާކަމެކެވެ. ހަމަކަށަވަރުން ލަދުވެތިކަމުގެ ސިފަ މީހެއްގެ ކިބާގައި ހުރެއްޖެނަމަ އެ ސިފައިގެ ސަބަބުން އޭނާ ފާފަތަކަށް އަރައިގަތުން މަނާކުރާނެއެވެ" އަދިވެސް ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެެއެވެ. " ހެޔޮކަމާއިގެން މެނުވީ ލަދުވެތިކަން ނާންނާނެއެވެ." އެމީހެއްގެ ކިބައިގައި ލަދުވެތިކަން ހުރެއްޖެ މީހާ، ފާޖިރުކަމާއި، ﷲ ހަރާމް ކުރައްވާފައިވާ ކަންތައްކަތާ ދެމެދު ހުރަހެއް ޤާއިމްކޮށްފިއެވެ. އިބުނުލްޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. "ލަދުވެތިކަމަކީ އިންސާނުންނަށް މާތްﷲ ދެއްވި ޚާއްޞަ ސިފައެކެވެ. ފަހެ ލަދުވެތިކަން ނެތް މީހަކަށް އިންސާނީ ސިފަތަކުގެ ތެރެއިން އޭނާގެ ގައިގައި ޖަހައިފައިވާ މަހާއި، ހަށިގަނޑުގައި ދައުރުވާ ލެޔާއި، ބޭރުފުށުން އިންސާނީ ސޫރަ ފިޔަވައި އެހެން ކަމެއް ނުވެއެވެ. އަދި ލަދުވެތިކަން ނެތް މީޙެއްގެ ކިބައިގައި އެއްވެސް ހެވެއް ނުވެއެވެ. ހުތުބާގައި ބުނީ ލަދުވެތިކަން އެމީހެއްގެ ކިބައިގައި ހުރެއްޖެ މީހާ، ޢިފަތްތެރިކަން އިސްކުރާނޭ ކަމަށާއި، އޭނާގެ ވެރި ރަސްކަލާނގެއަށް ބިރުވެތިވެ، އޭނާގެ ހަވާނަފްސުގެ އެދުންތައް މައިތިރިކުރާނޭ ކަމަށެވެ. މާތްﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި އެމީހާގެ ވެރިރަސްކަލާނގެ ހަޒްރަތުގައި ހުންނާންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފި މީހާ ދަންނާށެވެ. ފަހެ ހަމަކަށަވަރުން އެމީހާ އުޅޭނެ ތަނަކީ ސުވަރުގެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ