މާލެ: 31°C
ޓެލެތޯނަށް އޮންލައިންކޮށް މިއަދުވެސް ފައިސާ ހަދިޔާ ކުރެވޭނެ

ޓެލެތޯނަށް އޮންލައިންކޮށް މިއަދުވެސް ފައިސާ ހަދިޔާ ކުރެވޭނެ

June 13, 2024
2 ފަހަރު ބަލާފައި
ޓެލެތޯނަށް އޮންލައިންކޮށް މިއަދުވެސް ފައިސާ ހަދިޔާ ކުރެވޭނެ
"ފަލަސްތީނާއެކު ދިވެހީން" ގެ ނަމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން އިއްޔެ ފެށި ޓެލެތޯނަށް ފައިސާ ހަދިޔާ ކުރުމުގެ ވަގުތު އިތުރުކޮށްފިއެވެ. ޕީއެސްއެމުން ކުރިއަށްގެންދިޔަ ޓެލެތޯންގެ ކަވަރޭޖު ރޭ ދަންވަރު 12:00 އަށް ނިންމާލާފައިވީ ނަމަވެސް އޮންލައިންކޮށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ވަނީ މިއަދު އިރުއޮއްސި 6:00 އާއި ހަމައަށް އިތުރުކޮށްފައެވެ. ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ، "ފަލަސްތީނާއެކު ދިވެހީން" ފަންޑަށް އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ ވަގުތު އިތުރުކުރީ ބޭންކަށް ފައިސާ ޖަމާކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން އިތުރު ފުރުސަތެއް ދިނުމަށް ކަމަށެވެ. އަދި ފަންޑު ފޮށިތަކަށް ފައިސާ ޖަމާކުރުމާއި ނަގުދު ފައިސާ ބަލައިގަތުން ރޭގެ ނިޔަލަށް ބަންދުކޮށްފައިވާކަންވެސް ޒީނާ ފާހަގަކުރެއްވިއެވެ. ޕީއެސްއެމުން ބުނީ ފައިސާ ޖަމާކުރުމަށް އިއްޔެ މަސައްކަތް ކުރި ބައެއް ފަރާތްތަކަށް ބޭންކު މައްސަލައަކުން ފައިސާ ޖަމާނުވުމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެހެން ދިމާވީ އެއްފަހަރާ ގިނަ ބަޔަކު އެއް އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް މަސައްކަތް ކުރުމުން ކަމަށެވެ. މި ޓެލެތޯނަށް ހާއްސަ ދެ އެކައުންޓް ނަމްބަރަށް ފައިސާ ޓްރާންސްފާ ކުރެވޭނެއެވެ. ރުފިޔާ އިން ޖަމާކުރާނީ 7730000655865 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ މި 7730000655866 އެކައުންޓަށެވެ. މި ޓެލެތޯނަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކާއި އެކިއެކި މުއައްސަސާތަކުން ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ޓެލެތޯން ފަންޑަށް ޖަމާވެފައިވާ ފައިސާއާއި ގުޅޭގޮތުން، މިކަމަށް ކަނޑައަޅާފައިވާ މިނިވަން އޮޑިޓް ފާމް ކްރޯ މޯލްޑިވްސް އިން ބުނީ ފައިސާ ގުނުމުގެ ކަންކަން ލަސްވީ ގިނަ އަދަދެއްގެ ވަކިލާރި ލިބިފައި ހުރުމުން ކަމަށާއި، ނަމަވެސް މިހާރު ލިބިފައިވާ ހުރިހާ ފައިސާއެއް ގުނާ ނިމިފައިވާ ކަމަށެވެ. އެގޮތުން، މިހާތަނަށް 14.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، ނަގުދު ދިވެހި ރުފިޔާގެ ގޮތުގައި ޓެލެތޯނަށް 723،948ރ. ލިބިފައިވާ ކަމަށް ކްރޯ މޯލްޑިވްސްއިން މައުލޫމާތު ދެއެވެ. އަދި 1343 ޑޮލަރާއި 81 ޔޫރޯ ހަމައެކަނި ފަންޑު ފޮށިތަކަށް ލިބިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އޭގެ އިތުރުން، އޮންލައިން ބޭންކް ޓްރާންސްފާ މެދުވެރިކޮށް 6.8 މިލިއަން ދިވެހި ރުފިޔާ ޖަމާވެފައިވާއިރު، ޑޮލަރު އެކައުންޓަށް 33950 ޑޮލަރު ވަނީ ޖަމާވެފައެވެ. މި ޓެލެތޯނުން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނަށް ހަދިޔާ ކުރަން ނިންމާފައިވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޔޫއެންގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް "އަންރުވާ" މެދުވެރިކޮށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ