މާލެ: 31°C
ކަންނެލި ދޯނިތައް ރަސްމީ ފާލަމާދިމާލަށް އަންނަން ޖެހުނީ ސަރުކާރުން ސަމާލުކަން ނުދިނުމުން: މަސްވެރިން

ކަންނެލި ދޯނިތައް ރަސްމީ ފާލަމާދިމާލަށް އަންނަން ޖެހުނީ ސަރުކާރުން ސަމާލުކަން ނުދިނުމުން: މަސްވެރިން

June 12, 2024
3 ފަހަރު ބަލާފައި
ކަންނެލި ދޯނިތައް ރަސްމީ ފާލަމާދިމާލަށް އަންނަން ޖެހުނީ ސަރުކާރުން ސަމާލުކަން ނުދިނުމުން: މަސްވެރިން
މަސްވެރިން މިއަދު ފަށާފައިވާ އިހުތިޖާޖުގައި ކަންނެލި ދޯނިތަކުން ރަސްމީ ފާލަން ކައިރިއަށް އަންނަން ޖެހުނީ ހުޅުމާލޭ ކަންނެލިޖެޓީ ސަރަހައްދުން މަސްވެރިކަމާ ބެހޭ ވަޒީރުގެ ހަބަރެއް ނުވުމުންކަމަށް އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިން ބުނެފިއެވެ. މިނިވަން ނޫހާ ވާހަކަދައްކަމުން މިހާރު ރަސްމީ ފާލަން ސަރަހައްދުގައި އަޅާފައި އޮތް ދޯނީގެ ކެޔޮޅަކު ބުނީ، ހުޅުމާލޭކޮޅުން ވަޒީރުގެ އިޝާރާތެއް ވާނޭކަމަށް އުއްމީދުކުރިނަމަވެސް އެކަން އެގޮތަށް ނުދިޔަ ކަމަށެވެ. މަސްވެރިން ބޭނުންވަނީ މިނިސްޓަރުގެ ފަރާތުން އެދެވޭ ޖަވާބެއް ކަމަށާއި، މިނިސްޓަރުގެ ފަރާތުން އަދި މިހާތަނަށް އެފަދަ ހުށަހެޅުމެއް ލިބިފައި ނުވާކަމަށެވެ. އޭނާ ބުނީ މި ސަރުކާރު ވެރިކަމަށް އައީ މަސްވެރިންނަށް ވަރަށް އުއްމީދީ ވައުދުތަކާއެކު ކަމަށާއި، މިގޮތުން މަސްކޮޅު ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނޭކަމަށް ވީ ވައުދަކީ މަސްވެރިން ވަރަށް ބަލައިގަތް ކަމެއްކަމަށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މިވީ ދުވަސްތަކުގައި އެމަގުން ކަންކަން ހިނގާފައިނުވާކަން އޭނާ ފާހަގަކުރިއެވެ. ބައެއް ދޯނިތަކުން ވާހަކަދެއްކި ކެޔޮޅުން ބުނީ މަސްވެރިން ތިބީ ގޮތްދޫކުރާގޮތަށް ނޫންކަމަށާއި، ކަންކަން މިހާރު ހުރިގޮތުން ދޯނިތައް މިހާރު އަޅާފައިހުރި ތަނުން ނެގެން ނެތްކަމަށެވެ. ކަންނެލި ދޯނިތައް އެއްނަންބަރު ފާލަންދޮށަށް އައުމުން ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވަނީ މަސްވެރިން ގާތަށްގޮސް އެމީޙުންގެ ޝަކުވާ އަޑުއައްސަވާފައެވެ. މަސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވެފައިވަނީ ސަރުކާރުގެ މަސް ކުންފުނި މެދުވެރިކޮށް މަސްވެރިން ބާނާ ކަންނެލި ގަތުމަށް ވައުދުވި ނަމަވެސް ދައުލަތުގެ މާލީ ހާލަތުހުރިގޮތުން މިއަހަރުގެ ތެރޭގައި އެކަން ކުރެވެން ނެތްކަމަށެވެ. ކަންނެލި ދޯނިތައް އެއްނަމްބަރު ފާލަން ސަރަހައްދަށް ވަނުމަށް އައުމުން އެންމެ ފުރަތަމަ އެމްއެންޑީއެފް ކޯސްޓްގާޑާއި، މެރިން ފުލުހުން ވަނީ މަސްދޯނިތަކަށް ހުރަސްއަޅާފައެވެ. މިކަމުގެ ތެރޭގައި ފުލުހުންގެ ބައެއް ލޯންޗުތައް ދޯނިތަކުގައި ޖެހުމުގެ ސަބަބުން ބައެއް ލޯންޗުތަކުގައި ޖަހާފައިހުރި ޖެލްތައް ނެއްޓިފައިހުރިތަން މިނިވަންގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. އެމްއެންޑީއެފް ކޯސްޓްގާޑާއި، މެރިން ފުލުހުން ދޯނިތަކަށް ހުރަސްއެޅިނަމަވެސް ކަންނެލި ދޯނިތައް ފަހުން ވަނީ އެއް ނަމްބަރު ފަޅުތެރެއަށް ވަދެ ދޯނިތައް އަޅާފައެވެ. މަސްވެރިން މިއަދު ފަށާފައިވާ އިހުތިޖާޖަކީ މަސްކިރުމަށްފަހު މަސްވެރިންނަށް ފައިސާ ދިނުން ލަސްވާތީ އާއި ސަރުކާރުން ވައުދުވިގޮތަށް މަސްވެރިންނާމެދު އަމަލުކުރަމުން ނުދާތީ ކުރިއަށްގެންދާ ސުލްހަވެރި އިހުތިޖާޖެކެވެ. މީގެ އިތުރުން ލޭނު އެޅުން ހުއްދަ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތްތަކާ މެދު ހިތްހަމަ ނުޖެހުންވެސް ހިމެނެއެވެ. މަސްްވެރިންގެ ފަރާތުން މައުލޫމާތު ލިބޭގޮތުގައި ސަރުކާރުން އެކަނިވެސް، ދޯނިތަކުން މަސްގަނެފައި މަސްވެރިންނަށް 80 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދިވެސް ނުދީ އެބައޮތެވެ. މަސްވެރިން ބޭނި މަހަށް ސަރުކާރުން ފައިސާ ނުދޭތާ މިހާރު ދެމަހަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށް މަސްވެރިން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ